ޒިއުރިކް (ޑިސެމްބަރު 2) - ފަލަސްތީނަށް އަރައި، އިޒްރޭލުން ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން، އިޒްރޭލް ފުޓްބޯޅައިން ސަސްޕެންޑްކުރުމަށް ޔޫރަޕްގެ މައި ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާ އަށް ޕްރެޝަރު ބޮޑުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޔޫކްރެއިނަށް އަރައި ހަނގުރާމަ ކުރާކަމަށް ބުނެ، ޔުއެފާ އާއި ފީފާ އިން ރަޝިއާ އަށް ފިޔަވަޅު އަޅާފައިވާއިރު، ފަލަސްތީނާ މެދު އިޒްރޭލުން ކަންކަން ކުރަމުން އަންނަ ގޮތާ މެދު ފިޔަވަޅުނާޅައި ދެފުށްދެގޮތް އުސޫލެއް ގެންގުޅޭތީވެ ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
މިދިޔަ މަހު، މޮރޮކޯގެ ތަރި ހަކީމް ޒިޔެޗް އާއި ފްރާންސްގެ ޕައުލް ޕޮގްބާ ހިމެނޭ ގޮތަށް 70 ކުޅުންތެރިއަކު ވަނީ ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން އަށް ސިޓީއެއް ފޮނުވައި، އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އަދި، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވެސް އަންނަނީ ތަކުރާރުކޮށް، ފަލަސްތީނުގެ ހައްގުގައި އަޑުއުފުލައި، އިޒްރޭލުގެ މި ލާއިންސާނީ އަމަލުތައް ހުއްޓުވަން ގޮވާލައިފަ އެވެ.
ޔުއެފާ އިން މިދިިޔަ ސެޕްޓެމްބަރު މަހު އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިޒްރޭލަށް ފިޔަވަޅު އަޅަން މަޝްވަރާތައް ފަށައިފަ އެވެ. އެކަމަކު. އެ ދުވަސްވަރު އިޒްރޭލުގެ ދިފާއުގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް މަސައްކަތް ފަައްޓަވައި، ސުލްހައިގެ ހައްލެއް އަންނަ ކަމަށް ބުނެ، އިޒްރޭލަށް އެކި ޖަމިއްޔާތަކުން އަޅަން ތައްޔާރުވަމުން އައ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނަ އެވެ.
ދި އެތުލެޓިކް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ފަލަސްތީނުގެ ހައްގުގައި ކެމްޕެއިނެއް ހިންގަމުން އަންނަ "ދި ގޭމް އޯވޭ އިޒްރޭލް ކެމްޕެއިން" ގެ ބައިވެރިން ވަނީ ޔުއެފާގެ އިސް ވެރިންތަކަކާ ބައްދަލުކޮށްފަ އެވެ. އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކުރަމުން އަންނަ ކަންކަން ނުހުއްޓާއިރު، ޔޫރަޕްގެ ފުޓްބޯޅައިގެ ތެރޭގައި އިޒްރޭލު ގައުމ ޓީމާއި ކްލަބްތަކަށް އަންނަނީ ޕްރެޝަރު ބޮޑުވަމުންނެވެ. އެކަންކަމަށް ނިމުމެއް އަންނަން އޮތީ ޔުއެފާ އިން މި ކަމަށް އިންސާފުވެރި ހައްލެއް ހޯދައިގެން ކަމަށް ބުނެ، އަޔަލެންޑްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ އިޒްރޭލް ފުޓްބޯޅައިން ސަސްޕެންޑްކުރުމަށް ޔުއެފާ އަށް ހުށަހަޅައިފަ އެވެ.
މި ހުރިހާ ކަމަކަށް ބަލައި، ޔުއެފާ އިން އިޒްރޭލާ މެދު ފިޔަވަޅުތަކެއް އަޅަން މަޖުބޫރު ހާލަތަކަށް ދަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލުން ކުރަމުން އަންނަ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން، އިޒްރޭލް ފުޓްބޯޅައިން ސަސްޕެންޑްކުރުމާ މެދު ގޮތެއް ނިންމުމުގައި ގާނޫނީ ލަފާ ހޯދަމުން އަންނަ ކަމަށް ފީފާ އިން ވަނީ މިދިޔަ މެއި މަހު ބުނެފަ އެވެ. އެކަމަކު، އޭގެ އެއްވެސް ކަމަކަށް އަމަލީ ސިފައެއްގައި ކުރިއެރުން ލިބިފައެއްނުވެ އެވެ.
އިޒްރޭލަށް ފިޔަވަޅު އަޅަން ޔުއެފާ އަށް ޕްރެޝަރު ބޮޑުވަނީ: ރިޕޯޓް އިޒްރޭލަށް ފިޔަވަޅު އަޅަން ޔުއެފާ އަށް ޕްރެޝަރު ބޮޑުވަނީ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ