ޕޮލިޓެކްނިކުން މިނިސްޓްރީއަށް ހަދިޔާކުރީ، ރަސްކަލުންގެ ހެދުންކޮޅުތަކާއި ހަތިޔާރެއްގެ ނަކަލުތައް
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އެދުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ރަސްކަލުންގެ ހެދުންކޮޅުތަކާއި، އިހުގައި ހަނގުރާމަވެރިން ބޭނުންކުރި ހަތިޔާރެއްގެ ނަކަލުތަކެއް ހެދުމަށް ފަހު ހަވާލުކޮށްފިއެވެ. ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، ދިވެހި ތަރިކައިގެ ބައެއް ނަކަލު ޕޮލިޓެކްނިކްގެ ފަރާތުން އެ ވުޒާރާއާ ހަވާލުކުރެއްވީ، ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ކަމަށެވެ. އެ ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ގައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ، ދިވެހި ތާރީޚުގެ އިސްވާރު ކަށިމާ އަޙްމަދު ޝާކިރެވެ. ތަރިކައާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި އެ ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލުތަކެވެ. ގުރުޒަކީ، އިހުގައި ހަނގުރާމަވެރިން ބޭނުންކުރި ހަތިޔާރެއް ކަމަށްވާއިރު، އެ ހަތިޔާރު ހުންނަނީ އެއްކޮޅު ވަށްކޮށް ފަލަކޮށެވެ. އަދި، ހަތިޔާރުގައި ހިފަން މުއްގަނޑެއް ލާފައި ހުރެއެވެ. ދިވެހި ތަރިކައިގެ ބައެއް ނަކަލު، ޕޮލިޓެކްނިކްގެ ފަރާތުން ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކުރުން -- ފޮޓޯ/ ތަރިކައާ ބެހޭ ވުޒާރާ ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، ގުރުޒުގެ ނަކަލު ތައްޔާރުކުރީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީން ކަމަށެވެ. އަދި، ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރީ އެ އިދާރާގެ ފެޝަން ޑިޒައިނިން ފެކަލްޓީންކަން ވުޒާރާއިން ފާހަގަކުރިއެވެ. އެ ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޒޫޝާން ވިދާޅުވީ، ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރުމަށް ޕޮލިޓެކްނިކާ ހަވާލުކުރުމަކީ އެ މަރުކަޒަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. "އަޅުގަނޑުމެން މި މަސައްކަތް ކޮށްފައިވާނީ އަސްލު ހެދުންކޮޅާއި އަސްލު ގުރުޒާ އެންމެ ގާތްކުރާގޮތަށް. އަޅުގަނޑުމެންނަށް މިކަހަލަ ފުރުސަތެއް ފުރަތަމަ ފަހަރަށް ލިބުނީމާ ވުޒާރާއިން ބޭނުންވާ ފެންވަރަށް މި މަސައްކަތް ކުރެވުނުކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" އެ ފުރުސަތަށް ޝުކުރު އަދާކުރައްވައި އޭނާ ވިދާޅުވިއެވެ. https://x.com/MoDLCH/status/1996187653797302651 އެ ރަސްމިއްޔާތުގައި ކަށިމާ ޝާކިރު ވިދާޅުވީ، އެ މަސައްކަތް ޕޮލިޓެކްނިކާ ހަވާލުކުރީ އެފަދަ މަސައްކަތެއް ކުރުމަކީ، އެ ކަމުގެ ހުނަރާއި ފަންނާއި ތަޖުރިބާ ހުރި ބަޔަކަށް ނޫނީ ކުރެވޭނެ މަސައްކަތަކަށް ނުވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ޕޮލިޓެކްނިކުން އެ ނަކަލުތައް ތައްޔާރުކުރީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން އަސްލާ ވަރަށް އެއްގޮތް ގޮތަކަށް ކަމަށެވެ. އެއީ ވަރަށް ކަވި، ބުރަ މަސައްކަތްތަކެއްގެ ގޮތުގައި ޝާކިރު ސިފަކުރެއްވިއެވެ. އޭނާ ވަނީ ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމްގެ ނަންފުޅުގައި ޕޮލިޓެކްނިކްގެ އިސްވެރިންނާއި މަސައްކަތުގައި އުޅުއްވި އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ. ޕޮލިޓެކްނިކަކީ، ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމުރީނުކުރުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމުރީނުތައް ދިނުމަށް އުފައްދާފައިވާ މަރުކަޒެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ