އިންޑިއާގެ ގޯއާގެ ނައިޓް ކްލަބެއްގައި ރޯވެ 25 މީހުން މަރުވެއްޖެ

އިންޑިއާގެ ގޯއާގެ އަރްޕޯރާ އަވަށުގެ މަޝްހޫރު ނައިޓް ކްލަބެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 25 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. ފުލުހުންނާ ހަވާލާދީ އިންޑިއާގެ ޕްރެސް ޓްރަސްޓް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ދަންވަރު އަލިފާން ރޯވީ، ނައިޓް ކްލަބުގައި ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ. ނަމަވެސް އެކަން ރަސްމީކޮށް ހާމަކޮށްފައެއްނުވެއެވެ. އެ ހާދިސާގައި 50 މީހުން ވަނީ ޒަޚަމްވެފައެވެ. އަލިފާނުގެ ހާދިސާގައި ފަތުރުވެރިންނާއި ނައިޓް ކްލަބްގެ ބަދިގޭގައި މަސައްކަތް ކުރާ ބައެއް މީހުން މަރުވެފައިވާ ކަމަށް ޗީފް މިނިސްޓަރު ޕްރަމޯދު ސަވަންތު ވިދާޅުވިއެވެ. "މިއަދަކީ އަހަރެމެން އެންމެންނަށް ވަރަށް ހިތާމަވެރި ދުވަހެއް. އާޕޯރާގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާއެއްގައި 23 މީހުންގެ ފުރާނަ ވަނީ ގެއްލިފައި." އެކްސްގައި ސަވަންތު ލިޔުއްވާފައިވެއެވެ. އަދި އެ ހާދިސާ ހިނގި ތަނަށް ޒިޔާރަތްކޮށް އެކަން ތަހުގީގު ކުރަން އަންގާފައިވާނެ ކަމަށާއި،ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދާ ހަރުކަށި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށްވެސް ސަވަންތު ވިދާޅުވެފައިވެއެވެ. އޭއެންއައިގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލުކޮށްފައެވެ. އަދި މަރުވި މީހުންގެ ހަށިތައް ހޯދާފައިވާ ކަމަށް އެ ނޫހުން ބުނެއެވެ. އަރަބި ކަނޑުގެ އައްސޭރިފަށުގައި އޮންނަ ޕޯޗުގަލްގެ ކުރީގެ ކޮލޮނީއެއް ކަމަށްވާ ގޯއާ އަކީ އެތަނުގެ ގޮނޑުދޮށާއި މާހައުލުގެ ރީތިކަން ދެކެލަން ކޮންމެ އަހަރަކުވެސް އެތައް މިލިއަން ޓޫރިސްޓުންނެއް ޒިޔާރަތްކުރާ ތަނެކެވެ. ތޮއްޖެހުން ބޮޑުވެ، އިމާރާތްތަކުރުމުގައި ރައްކާތެރިކަމުގެ މިންގަނޑުތަކަށް އަމަލުނުކުރުމުގެ މައްސަލަ ބޮޑު އިންޑިއާގައި އަލިފާނުގެ ހާދިސާތައް އާންމުކޮށް ހިނގައެވެ. މިދިޔަ މެއި މަހު އިންޑިއާގެ ހައިދަރުއާބާދުގެ ތިން ބުރީގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 17 މީހަކު މަރުވެފައިވެއެވެ. އޭގެ މަހެއްހާ ދުވަސް ކުރިން ކޮލްކަތާގެ ހޮޓަލެއްގައި ވަރުގަދަ އަލިފާނުގެ ހާދިސާއެއް ހިނގައި 15 މީހުން މަރުވެފައިވެއެވެ. އަދި މިދިޔަ އަހަރު ގުޖުރާތު ސްޓޭޓްގެ އެމިއުޒްމަންޓް ޕާކެއްގައި އަލިފާން ރޯވެ ގާތްގަޑަކަށް 24 މީހުން މަރުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ