އަޅުގަނޑުމެން ކައިވެނިކުރީ އިސްތިޚާރާކޮށްފަ! ދެމީހުންނަށްވެސް ވިސްނިގެން! އެކަމަކު އަހަރުވެސް ނުވަނީސް ކައިވެނި ރޫޅިއްޖެ! މިވީ ކިހިނެއްތަ؟ މިއީ ބައެއް މީހުން ކުރާ ސުވާލުތަކެވެ. އެހެންވެ ޖަވާބެއް ދޭން މަސައްކަތްކުރާނަމެވެ.
ބައެއް ފަހަރު ކައިވެނިތައް ރޫޅެން ޖެހުމުން ނުވަތަ ކައިވެނީގައި މައްސަލަ ޖެހުމުން ތިމަންމެން އިސްތިޚާރާކުރިން ކަމަށް ބުނެ އެކަން އެބަ ޝަކުވާއަކަށްވެސް ހަދައެވެ. ނަމަވެސް އެއީ އެގޮތަށް ކުރެވެން އޮތް ޝަކުވާއެއް ނޫނެވެ. އިސްތިޚާރާ ކުރުމުން ވިސްނޭނީ އެވަގުތަށް އެންމެ ފައިދާހުރި ގޮތެވެ. ތިމާ މިކުރަނީ ކުރަން އެންމެ ރަނގަޅު ކަންތައް ކަމުގެ 100 އިންސައްތަ ގަރަންޓީއެއް ނުލިބޭނެއެވެ. އެހެނީ އެ ގަރަންޓީ ﷲ ތަޢާލާ ނުދެއްވަވާތީއެވެ.
މިސާލަކަށް ތިބާއަށް އެންމެ ފައިދާހުރި ކައިވެނި ކުރެވެން އޮތީ ދެވަނައަށް ކަމުގައިވާނަމަ ފުރަތަމަ ކައިވެނިން ހިތްހަމަޖެހުން ލިބޭ ޢަލާމާތެއް ފެނިދާނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ނަމަވެސް އިސްތިޚާރާ ކުރުމުން އެކަމުން ހިތްހަމަޖެހުމެއް ނުލިބުނު ނަމަ އެކަމެއް ނުކުރާށެވެ! އެއިރުން ކަންތައް އެކުރެވެނީ ރަނގަޅަކަށް ނޫނެވެ.
މިހާރަކަށް އައިސް ހަމަ ފެންނައިރަށް ވަގުތުން ކައިވެނިކުރަން ބޭނުންވާ މީހުންވެސް އުޅެއެވެ. މަޝްވަރާކުރަން އަދި އިސްތިޚާރާ ކުރަން ވަގުތު ދޭކަށް ވެސް ބޭނުމެއް ނުވެއެވެ. މިއީ ވަރަށް ހިތާމަހުރި އަދި ވަރަށް ނުރައްކާތެރި ކަމެކެވެ. އެފަދަ ވަސްވާސްތަކުގައި ނުޖެހުން ކިތަންމެހައިވެސް މުހިންމެވެ.
ކޮންމެ މީހަކުވެސް ކައިވެނިކުރާއިރު ކައިވެނި މިކުރެވެނީ ހަމަ އެންމެ ރަނގަޅު މީހާ އާއިކަން ކަށަވަރުކުރަން ބޭނުންވާނެއެވެ. ގިނަ މީހުން ޤަބޫލުކުރަނީ އެކަން ކުރެވޭނެ ގޮތެއް ނުއޮންނަ ކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ތިމާ ކުރަން އުޅޭ ކަމެއްގައި އެންމެ ރަނގަޅު ގޮތް ތިމާއަށް ނުއެނގޭ ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައި އޮތީ އިސްތިޚާރާ ކުރުމެވެ.
ފާލަބެލުމާއި ރާހިބެލުން ފަދަ ކަންކަމަކީ އިސްލާމް ދީނުގައި ހުއްދަވެގެންވާ ކަންކަމެއް ނޫނެވެ. ނަމަވެސް ބައެއް މުސްލިމުން މިއަދުވެސް ކައިވެނީގެ ކުރިން ރާހިބަލައި ފާލަބެލުން ފަދަ ކަންކަން ކުރެއެވެ. އެކަންކަމަކީ ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ ކަންކަމެވެ. ޙަރާމް ކުރެއްވެވުމާއިއެކު ދެން އަމަލުކުރަންވީ ގޮތް މިވަނީ އަންގަވައިފައެވެ. އެއީ ކުރިން ބުނިފަދައިން އިސްތިޚާރާ ކުރުމެވެ.
ކޮންމެ ކަމެއްގައި އިސްތިޚާރާ ކުރި ނަމަވެސް ސުންނަތުގައި އޮތީ އެމީހަކު އަމިއްލައަށް އެކަން ކުރުމެވެ. ވީމާ އިސްތިޚާރާކޮށް ދުޢާކުރުމަކީ އެމީހަކު އަމިއްލައަށް ކުރަންޖެހޭނެ ކަމެކެވެ.
ކުރާ ކައިވެނިތައް ރޫޅުމާއި އުފާވެރި ދިރިއުޅުމެއް ނުލިބުމުގެ މައްސަލަތައް މިދަނީ ގިނަ ވަމުންނެވެ. އެކަންކަމުގެ ޝަކުވާތައް މިދަނީ އިތުރުވަމުންނެވެ. ކުރާ ކައިވެނީގެ އަދަދަށްވުރެ ކުރާ ވަރީގެ އަދަދު މިދަނީ ދުވަހުން އިތުރުވަމުންނެވެ. އެހެންކަމަށްވާއިރު ފުރަތަމަކަމެއްގެ ގޮތުން ކައިވެނީގެ ކުރިން އިސްތީޚާރާ ކުރުން ކިތަންމެހައިވެސް މުހިންމެވެ. އަދި ވަރިވުމާއި ވަރިކުރުމުގެ ކުރިންވެސް މެއެވެ.
ހަމަ އެއާއިއެކު ތިމާއަށް އެންމެ އިތުބާރުކުރެވޭ މީހުންނާއި މަޝްވަރާކުރާށެވެ! އެއްވެސް ހާލެއްގައި މަޝްވަރާ ކުރެވޭ މީހާއަކީ އެންމެ ގާތް ރަޙްމަތްތެރިންގެ މީހަކަށްވުން ލާޒިމެއް ނޫނެވެ. މަޝްވަރާކުރަންވީ ކަމުގެ ތަޖުރިބާހުރި، ﷲ ތަޢާލާއަށް ތަޤްވާވެރިންނާއިއެވެ. އެއްވެސް މިންވަރަކަށް ދޮގު ނުހަދާނެކަން ޔަޤީންކުރެވޭ މީހުންނާއިއެވެ. އަމިއްލަ އެދުން ކުރިއަށް ނުނެރޭނެ މީހުންނާއިއެވެ.
- މުފްތީ މެންކުގެ ދަރުސަކުން
ކައިވެނިކުރީ އިސްތިޚާރާކުރުމުން ވިސްނުނު ގޮތަށް ބަލައިގެންނަމަ ކައިވެނި ރޫޅުނަސް ކުރާނީ ފައިދާ! މާ ރަނގަޅު ބައިވެރިއަކު ލިބޭނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ