ރޯދަމަަަހަކީ ޢަމަލުތައް ސީދާކޮށް، މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއް: ރައީސް

މިފެށޭ ރޯދަމަަަހަކީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާކޮށް، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ މުސްލިމެއްކަމުގެ ފަޚުރު، ހިތާ ރޫހުން ލިބިގަނެ، ޢާއިލާތަކާއި ގާތް ފަރާތްތަކުގެ މެދުގައި ޖެހިފައިވާ މައްސަލަތައް ޙައްލުކުރުމަށް އޮތް ރަނުގެ ފުރުޞަތެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢިއްޒުއްދީން ފާލަން އަލުން ތަރައްޤީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޚިޔާލުތަފާތުވުންތަކުން އެއްކިބާވެ، ޤައުމާއި ދީން އިސްކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. އަދި، މާޒީގައި ހިފަހައްޓައިގެން ލިބޭނެ ކުރިއެރުމެއް ނެތްކަމަށާއި ކުރިއަށްދިޔުމަކީ އިސްލާމްދީން ދަސްކޮށްދޭ، އެކަމަކަށް ބާރުއަޅާ ކަމެެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މާފުކުރުމާއި، އެކުވެރިކަން އާލާކުރުމާއި، ހިތްސާފުކޮށް ޠާހިރުކުރުމާއި، އަނެއް މުސްލިމާއަށް ތިބާގެ ފަރާތުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. އެފަދަ ކަންކަމަކީ ނަބަވީ ސުންނަތުން ދަލީލުކޮށްދޭ ކަންކަންކަމަށާއި، މިކަންކަން ޔަޤީންނުވާނަމަ، އެމީހެއްގެ މުސްލިމުކަން ފުރިހަމަވެގެންނުދާނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެހެންކަމުން، ކުރިމަތިވެފައިވާ ބަރަކާތްތެރި ރޯދަމަހުގައި އަމިއްލަ ނަފްސު އިޞްލާޙްކުރުމުގެ ނިޔަތްގަނެ، މާތްﷲގެ ވާގިފުޅާއެކު އެމަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. މީގެ ސަބަބުން، މުޅި ދިވެހި މުޖްތަމަޢުއަށް އޭގެ ފައިދާކޮށް، ތަރައްޤީވެގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ