މިސްކިތެއް ބިނާކުރުން ފަދަ ހެޔޮކަމަކަށް ވާރުޕޭ މެދުވެރިކޮށް ހޭދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުން އަދި ޞަދަޤާތް ކުރުން ފަދަ ހެޔޮ ކަންތައްތަކަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހޭދަކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަން އިފުތިތާޙްކޮށްދެއްވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރުއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ހަޤީޤަތަކަށް ހެދިގެންދިޔަކަމީ ވަރަށް އުފާކުރާކަމެއްކަމަށެވެ. އަދި މިކަމަކީ ވަޒީރުގެ ދުރުވިސްނުމާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިއްމު މަސައްކަތެއްކަމަށް ހަސަން ޒަރީރު ވަނީ ވިދާޅުވެފައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއްކަމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވާކަމަށެވެ. އަދި ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ ކަންކަމަށް ވެސް ހޭދަކުރުމަކީ މުހިންމު ކަމެއްކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި ހުރިކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. ވަޒީރާއި ކޮމިޝަނަރު ވަނީ، އެކަން ހަޤީޤަތަކަށް ހެދުމަށްޓަކައި މީރާއާއި ވުޒާރާގެ ކަމާގުޅޭ މުވައްޒަފުން ކުރެއްވި މަސައްކަތަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ވާރުފޭ ހިދުމަތް މެދުވެރިކޮށް ކުންފުނިތަކުގެ އަހަރީ ފީ، އެއްގަމު އުޅަނދު އަދި ކަނޑު އުޅަނދުގެ އަހަރީ ފީ، ޓްރެފިކް ޖޫރިމަނާ ފައިސާ، މުދަލު ޒަކާތް، އެއާޕޯޓް ސެކިއުރިޓީ ފާސް ޕޭމަންޓް ދައްކާލެވޭނެ އެވެ. ވާރުޕޭގެ ހިދުމަތަކީ މީރާގެ ވެބްސައިޓުން އަދި މީރާގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭ ހިދުމަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ