ޗެޓްޖީޕީޓީ މެދުވެރިކޮށް ސީދާ ވިޔަފާރިކުރެވޭނެ ފީޗާއެއް ތައާރަފްކުރަނީ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނައި އޯޕަންއޭއައި ކުންފުނިން، އީ-ކޮމާސްގެ ދާއިރާއަށް ވަދެ، އާމްދަނީ އިތުރުކުރުމުގެ މަގްސަދުގައި އާ މަސައްކަތްތަކެއް ފަށައިފިއެވެ. އެގޮތުން، ޗެޓްޖީޕީޓީ މެދުވެރިކޮށް ސީދާ ވިޔަފާރިކުރެވޭނެ "ޗެކްއައުޓް" ފީޗާއެއް ތައާރަފްކޮށް، އެއިން ކުރެވޭ ކޮންމެ ވިޔަފާރިއަކުން ކޮމިޝަނެއް ނަގަން އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. މިހާރުވެސް ޗެޓްޖީޕީޓީގައި އެކި ޕްރޮޑަކްޓްތަކުގެ މައުލޫމާތާއި، އެތަކެތި ގަނެވޭނެ ބޭރުގެ ރީޓެއިލަރުންގެ ލިންކުތައް ދައްކައެވެ. ނަމަވެސް، ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު އޯޕަންއޭއައިގެ އަމާޒަކީ ޗެޓްގެ ތެރެއިން ނުނިކުމެ، ސީދާ ވިޔަފާރިކޮށްލެވޭނެ "ބިލްޓް-އިން ޗެކްއައުޓް" ފީޗާއެއް ތައާރަފްކުރުމެވެ. މިކަމަށް ޓަކައި ޕޭމަންޓް ޕްރޮވައިޑާ "ޝޮޕިފައި" އާ ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު، މި ޚިދުމަތް ބޭނުންކޮށްގެން ވިއްކާ މުދަލުގެ އޯޑަރުތައް ފޮނުވާ ވިޔަފާރިވެރިން، އޯޕަންއޭއައި އަށް ކޮންމެ ވިއްކުމަކުން ކޮމިޝަނެއް ދައްކަން ޖެހޭނެއެވެ. މިއީ ގާތްގަނޑަކަށް 300 ބިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏަކަށްވީ ނަމަވެސް، މިހާރުވެސް ގެއްލުމުގައި ހިނގަމުން އަންނަ އޯޕަންއޭއައިއަށް ލިބޭނެ މުހިންމު ކުރިއެރުމެކެވެ. މިހާތަނަށް އެ ކުންފުނީގެ މައިގަނޑު އާމްދަނީއަކީ ޕްރީމިއަމް ޚިދުމަތްތަކުން ނަގާ ސަބްސްކްރިޕްޝަން ފީއެވެ. ނަމަވެސް، އީ-ކޮމާސް ކޮމިޝަންތަކުގެ ސަބަބުން، ހިލޭ ޚިދުމަތް ބޭނުންކުރާ މިލިއަނަކަށްވުރެ ގިނަ ޔޫޒަރުންގެ ފަރާތުން އާމްދަނީ ހޯދުމުގެ އާ ދޮރެއް އެ ކުންފުންޏަށް ހުޅުވިގެންދާނެއެވެ. މި ފިޔަވަޅުގެ ސަބަބުން، ގޫގުލް ފަދަ ބޮޑެތި ޓެކް ކުންފުނިތަކަށް އޮތް ވާދަވެރިކަންވެސް އިތުރުވެގެންދާނެއެވެ. އެއީ އާންމު ސާޗް އިންޖީނުތަކުގެ ބަދަލުގައި، ގިނަ ބަޔަކު ޕްރޮޑަކްޓްތައް ހޯދުމަށާއި މައުލޫމާތު ސާފުކުރުމަށް ޗެޓްބޮޓްތަކާ ދިމާލަށް މިސްރާބު ޖަހަމުންދާތީއެވެ. މިހާރު ޗެޓްޖީޕީޓީން ޕްރޮޑަކްޓްތަކަށް ހުށަހަޅާ ހުށަހެޅުންތައް ބިނާވަނީ ޔޫޒަރުގެ ސުވާލާއި، ކުރީގެ މުއާމަލާތްތަކާއި އަދި ބަޖެޓް ފަދަ ކަންކަމުގެ މައްޗަށެވެ. ނަމަވެސް ވިއްކާ ފަރާތްތަކުގެ ލިސްޓު ތަރުތީބު ކުރުމުގައި އަގާއި ޝިޕިން ޚަރަދު ފަދަ ކަންކަމަށް އަދި ރިއާޔަތް ނުކުރާކަމަށް އޯޕަންއޭއައި އިން ބުނެއެވެ. މި ބަދަލާއެކު، އިޝްތިހާރުކުރުމުގެ ދާއިރާގައި "އޭއައިއޯ" (އާޓިފިޝަލް އިންޓެލިޖެންސް އޮޕްޓިމައިޒޭޝަން) ގެ ނަމުގައި އާ އުކުޅެއް ތަރައްގީވަމުން އަންނައިރު، މީގެ ސަބަބުން ޗެޓްޖީޕީޓީ ފަދަ އޭއައި މޮޑެލްތަކުން ދައްކާ ނަތީޖާތަކަށް ނުފޫޒު ފޯރުވޭނެއެވެ. އިޝްތިހާރު ކުންފުންޏެއްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން އޭއައި އިން ދައްކާ ނަތީޖާތަކުގައި 'މޮޅު' ނުވަތަ 'ތަރުތީބު ކުރެވިފައިވާ' ގޮތްތަކާ މެދު ބޮޑެތި އަދި އުނދަގޫ ސުވާލުތަކެއް އުފެދެއެވެ. މީގެ ކުރިން އޯޕަންއޭއައި އިން ބުނަމުން އައީ އިޝްތިހާރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، ފަހުން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ވިދާޅުވެފައިވަނީ އިޝްތިހާރު ހިމެނުމުގެ ފުރުސަތުތައް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އޯޕަންއޭއައިގެ ސީއީއޯ، ސޭމް އޯލްޓްމަން ވެސް މާޗު މަހު ވިދާޅުވެފައިވަނީ "ތަރުތީބު ބަދަލުކުރުމަށް ނުވަތަ އެފަދަ ކަމަކަށް އެކުންފުނިން ފައިސާ ނުނަގާނެ ކަމަށެވެ. އެކަމަކު އެކުންފުނީގެ ވަސީލަތެއް ބޭނުންކޮށްގެން އެއްޗެއް ގަނެފިނަމަ، ގާތްގަނޑަކަށް ދެ އިންސައްތައިގެ އެފިލިއޭޓް ފީއެއް ނަގާނެކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ. މިއީ އޯޕަންއޭއައިގެ ވިޔަފާރީގެ އޮނިގަނޑަށް އަންނަ ބޮޑު ބަދަލެއްގެ އިޝާރާތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ