އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރުފުޅެއްގައި އަންނަ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނީ، ތިންވަނަ ދައުރަކަށް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން މޯދީ ރާއްޖެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ތަފްސީލް - އަންނަ ހުކުރުން ހޮނިހިރަށް ކުރައްވާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ އާއި ރައީސް މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ އެވެ.
މީގެ އިތުރުން
މުހިންމު މަޝްރޫއުތައް އިފްތިތާހު ކުރައްވާނެ
ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެކި ދާއިރާތަކުން އެމްއޯޔޫތަކުގައި ސޮއިކުރައްވާނެ
މޯދީ ރާއްޖެ ވަޑައިގަންނަވަނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބާއާ ދިމާކޮށެވެ. މީގެ އިތުރުން، މިއީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރިތާ ވެސް 60 އަހަރު ފުރޭ އަހަރެވެ.
އެނގުން މުހިންމު - އިންޑިއާއާ އެކު އަބަދު ވެސް ގާތް ގުޅުމެއް ބާއްވާ އެމްޑީޕީގެ މިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތުގައި މޯދީ ބައިވެރިވެވަޑައިގަތެވެ. އޭގެ ފަހުން އެ ސަރުކާރުގައި ވެސް އެއް ފަހަރު މޯދީ ރާއްޖެއަށް ދަތުރުފުޅެއް ކުރައްވާފައިވެ އެވެ.
އިދިކޮޅުގައި ތިބި އިރު 'އިންޑިއާ އައުޓް' ނަމުގައި ކެމްޕެއިނެއް ކޮށްގެން ވެރިކަމަށް އައި މި ސަރުކާރުގެ ވެރިކަމުގެ ކުރީކޮޅު އިންޑިއާއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. ނަމަވެސް އެ ގުޅުން ވަރުގަދަ ކުރުމަށް މިހާރު ދިވެހި ސަރުކާރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މީގެ ކުރިން އިންޑިއާއަށް ކުރެއްވި ދަތުރުގައި އޭނާ ވަނީ ދެ ގައުމުގެ ގުޅުމަށް އަސަރު ކުރާނެ ކަމެއް ދިވެހި ސަރުކާރުން ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި 'އިންޑިއާ އައުޓް' ހަރަކާތަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހަރަކާތެއް ކަމަށާއި އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތްކަން ވެސް، އިންޑިއާގެ މީޑިއާކަަށް އޭނާ ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައިވެ އެވެ.
އެ ވާހަކަތަކަށް ޔާމީން ފަހުން ރައްދު ދެއްވާފައިވެ އެވެ.
މޯދީ ހުކުރު ދުވަހު ރާއްޖެ ވަޑައިގަންނަވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ