މުދަލާއި ފައިސާ ފޭރުން އާއްމުވެފައިވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދެވިފައި ނުވާތީ: ވިޔަފާރިވެރިންގެ ޖަމިއްޔާ

މިހާރަކަށް އައިސް ވިޔަފާރިވެރިންގެ އަތުން މުދަލާއި ފައިސާ ފޭރުން އާއްމުވެފައި ވަނީ ރާއްޖޭގެ ޒުވާނުން ހޭލުންތެރިކުރުމަށް އެއްވެސް ކަމެއް ކުރެވިފައިނުވާތީ އާއި ވަޒީފާގެ ފުރުސަތުތަކެއް ހޯދައިދެވިފައިނުވާތީ ކަމަށް ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާއިން ބުނެފި އެވެ.
އެޖަމިއްޔާ އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާރަކަށް އައިސް ވިޔަފާރިވެރިންގެ އަތުން މުދަލާއި ފައިސާ ފޭރުން އާއްމުވެފައި ވުމަކީ އެޖަމިއްޔާ އިން ވަރަށް ކަންބޮޑުވާ ކަމެކެވެ.
ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި މުދަލާއި ފައިސާ ފޭރުން އާއްމުވެފައި ވަނީ ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް ނާޅައި އެކަމަށް އިހުމާލުވެފައިވުމުގެ ސަބަބުންކަން އެޖަމިއްޔާ އިން ފާހަގަކުރެ އެވެ. އަދި ކުދި ވިޔަފާރިވެރިންނަކީ ގައުމުގެ އިގުތިސާދާ ގުޅިފައިވާ ބަޔަކަށް ވުމުން މިފަދަ ކަންތައްތަކުގެ ނޭދެވޭ އަސަރު އިގުތިސާދަށް ކުރާނެކަން ވެސް އެ ޖަމިއްޔާ އިން ފާހަގަކޮށްފައިވެ އެވެ.
މުދަލާއި ފައިސާ ފޭރުން ހުއްޓުވުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ