ޔާމީން އެންގެވިގޮތަށް ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަން ފަށައިފި

އިންޑިއާ ސިފައިން ރާއްޖޭން ދާން ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެހުންނަވައިގެން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން ފާރުތަކުގައި "އިންޑިއާ އައުޓް" ލިޔަން ފަށައިފިއެވެ. ދާދިފަހުން ޔާމީން ވަނީ އަމިއްލަ އިމާރާތްތަކުގެ ފާރުތަކުގައި "އިންޑިއާ އައުޓް" ޖަހަން އެދިވަޑައިގެންފައެވެ. އެއާއެކު އިއްޔެ ފެށިގެން އަތޮޅުތެރޭ ބައެއް ރަށްރަށުގެ ގެތަކުގެ ފާރުތަކުގައި "އިންޑިއާ މިލިޓަރީ އައުޓް" ޖަހަން ވަނީ ފަށައިފައެވެ. ރ. ދުވާފަރު ގޭގޭ ފާރުތަކުގައި އިންޑިއާ އައުޓް ލިޔަނީ-- ފޮޓޯ: ޕީޕީއެމް އެ ކެމްޕެއިންގެ ތެރެއިން ބާއްވާ އެއްވުންތަކާއި ޖަލްސާތައް ވެސް މާލޭގެ އިތުރުން އަތޮޅުތެރޭގައި ބާއްވަން ވަނީ ފަށައިފައެވެ. ގޭގޭ ފާރުތަކުގައި އެގޮތަށް ލިޔުމަށް، ޔާމީން އެދިވަޑައިގަތް ދުވަސް ނޫން އަނެއް ދުވަހު ށ. ފުނަދޫ ސްކޫލް ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލަ ވަނީ ފެންމަތިވެފައެވެ. އެއާއެކު ފުލުހުން ވަނީ އެކަން ބަލަން ފަށައިފައެވެ. "އިންޑިއާ އައުޓް" ކެމްޕެއިން ސަރުކާރުން ސިފަ ކުރަނީ އަވަށްޓެރި ގައުމަކާ އޮންނަ ގުޅުން ގޯސް ކުރުމަށް ޔާމީން އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައެވެ. އިދިކޮޅުން ބުނަނީ އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި އުޅޭ ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެކަމާ ދެކޮޅަށް އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ޝުއޫރު ފާޅު ކުރަމުންްނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ