ގޮތަބަޔާ އިސްތިއުފާ ދެއްވައިފި، އެކަން އިއުލާން ކުރެއްވީ ނަޝީދު

ސްރީ ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދެންމެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، އިއްޔެ އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ގޮތަބަޔާގެ ސިޓީ، ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ލިބިވަޑައިގަތީ މީގެ އިރުކޮޅެއް ކުރިންނެވެ. ނަމަވެސް އިސްތިއުފާ ދެއްވައި އެކަން އެންގެވީ އީމެއިލް މެދުވެރިކޮށް ކަމަށް ބުނެފައިވެ އެވެ.
މިވަގުތު ސިންގަޕޫރުގައި ހުންނެވި ރައީސް ގޮތަބަޔާގެ އިސްތިއުފާ މަޖިލީހުގެ ރައީސް މިރޭގެ ވަގުތެއްގައި އިއުލާނު ކުރައްވާނެ ކަމަށްވެ އެވެ. އިސްތިއުފާގެ ސިޓީ އީމެއިލް ކުރެއްވުމުން ސިޓީ ބަލައި ނުގަތުމުގެ ފުރުސަތު އެބަ އޮތެވެ.
ނަމަވެސް ގޮތަބަޔާ އިސްތިއުފާ ދެއްވިކަން އިއުލާން ކުރައްވައި ނަޝީދު ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޮތަބަޔާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ލަންކާއަށް ދެން ކުރިއަށް ދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ގޮތަބަޔާ ލަންކާގައި ހުންނެވި ނަމަ، ފުރާނަފުޅަށް ބިރުވެތިވެ، މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
ލަންކާގައި ހުރެ މަގާމުން އިސްތިއުފާ ދެއްވައިފި ނަމަ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް އަނބިކަނބަލުންނާއި ދެ ބޮޑީގާޑުންނާ އެކު ގޮތަބަޔާ ފިއްލަވައިގެން އެންމެ ފުރަތަމަ ވަޑައިގަންނަވަން އުޅުނީ ދުބާއީއަށެވެ. ނަމަވެސް އެކަމަށް ލަންކާ އެއާޕޯޓްގެ އޮފިޝަލުން ހުރަސް އެޅުމުން، ލަންކާ ސިފައިންގެ އަސްކަރީ މަތިންދާބޯޓެއްގައި ދެން ވަޑައިގަތީ ރާއްޖެ އަށެވެ
ރާއްޖޭގައި 33 ގަޑިއިރު ހުންނެވުމަށްފަހު ގޮތަބަޔާ ސިންގަޕޫރަށް ފުރަތަމަ ވަޑައިގަންނަވަން އުޅުއްވީ ސިންގަޕޯ އެއާލައިންސްގެ ފްލައިޓެއްގައި ރޭގެ ވަގުތެއްގަ އެވެ. ނަމަވެސް އެ ދަތުރު ކެންސަލް ކުރެއްވުމަށްފަހު ދެން މަސައްކަތް ކުރެއްވީ ޕްރައިވެޓް ޖެޓެއްގައި ސިންގަޕޫރަށް ވަޑައިގަތުމަށެވެ. އެކަންވެސް ނުވުމުން ގޮތަބަޔާ ސިންގަޕޫރަށް ވަޑައިގެންނެވީ ސައުދި އަރަބިއާގެ ގައުމީ އެއާލައިން ސައުދިއާގެ ބޯޓެއްގައި މިއަދު ހެނދުނެވެ.
ގޮތަބަޔާގެ ދަތުރުފުޅާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަމުން ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އެ މަނިކުފާނުގެ ދަތުރުފުޅަކީ އަމިއްލަ ދަތުރުފުޅެއް ކަމަށެވެ. އަދި ގޮތަބަޔާ ސިންގަޕޫރުގެ ހިމާޔަތަކަށް އެދިވަޑައިގެންފައި ނުވާ ކަމަށާއި އެފަދަ ހިމާޔަތެއް ފޯރުކޮށްދީފައި ނުވާނެ ކަމަށްވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ