އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައިގެން މަކަރުން ފައިސާ ހޯދަނީ

އެކި މިނިސްޓްރީތަކުގެ ނަމުގައި ގުޅައި މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް ހުށަހަޅަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މިނިސްޓްރީތަކުގެ ނަމުގައި މިގޮތަށް ގުޅަނީ ރަށްރަށުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ އިސް މުވައްޒަފުންނަށް ކަމަށެވެ.
މިގޮތުން އެ އިދާރާއެއްގެ އިސް މުވައްޒަފަށް ގުޅައި، ވަކި މުވައްޒަފަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމުގައި ބުނާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެކަމުގައި ނަސޭހަތްތެރިވުމަށް ފަހު، އެ އިދާރާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ މައުލޫމާތާއި ފޯނު ނަމްބަރު ހޯދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، އެގޮތަށް ގުޅައި، އެ މުވައްޒަފާ ވާހަކަ ދައްކައި އޭނާ އާ ގުޅޭގޮތުން އާންމުންގެ ޝަކުވާ އަންނަ ކަމަށާއި ވާހަކަ ދެއްކުމުގެ ތެރޭގައި މުވައްޒަފުގެ ޒާތީ މައުލޫމާތު ހޯދައި އެ މުވައްޒަފަށް ބިރުދައްކައި ފައިސާ ހޯދަމުންދާ ކަމަށެވެ.
މިގޮތަށް އާންމުކޮށް ގުޅަނީ މަފުށީ ޖަލުންކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ