އެކްސިޑެންޓްވިކަން ޑްރައިވަރަކަށް ނޭނގޭ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް

ރޭ ހުޅުމާލޭގައި އެމްޓީސީސީގެ ބަހަކާ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި، އެކްސިޑެންޓް ހިނގިކަން ޑްރައިވަރަށް ނޭނގޭކަމަށް އެމްޓީީސީސީން ބުނެފި އެވެ. އެ ބަސް ދުއްވި 54 އަހަރުގެ ދިވެހި ޑްރައިވަރު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އެކްސިޑެންޓު ހިނގާފައިވަނީ ކުޑަކުއްޖާ އޭނާގެ މަންމައާއެކު ދަތުރުކުރި ސައިކަލުގައި، ފަހަތުން އައި އެމްޓީސީސީގެ ބަހެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި މަރުވީ ކ. ތުލުސްދޫއަށް ނިސްބަތްވާ ފާތިމަތު އަންޖުމް ޝަފީގު، 13 އަހަރެވެ. އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު މިއަދު "ސަން" އަށް ވިދާޅުވީ އެކްސިޑެންޓް ހިނގީ ހައިވޭއަށް އަރަން އޮންނަ، ހުޅުމާލެ ބަސް ޓާމިނަލްގެ ބެންޑް ސަރަހައްދުން ކަމަށެވެ. https://sun.mv/127186 "އެ ބަސް ދިޔަގޮތަށް ގޮސް ހައިވޭގެ މެދާ ހަމައިން ފުލުހުން އައިސް ހުއްޓުވީމައި މި އެނގުނީ އެކްސިޑެންޓް ވިކަން. ބަހުގަ ނެތް ކޫރުމެއްހާ ހިސާބުވެސް. ބަހުގަ އޭރު ތިބި މީހުންނަށްވެސް އެކަން ރެޔަކާނުލާ އެކްސިޑެންޓްއެއް ހިނގި ކަމުގެ،" ޝާހު ވިދާޅުވި އެވެ. މިދިޔަ ރޯދަ މަހުވެސް އެމްޓީސީސީގެ ބަސްް ޑްރައިވަރަކަަށް ނިދި ޖެހި ޕޭމަންޓް މަތިން ހިނގާފައި ދިޔަ ޔުކްރޭންގެ ފަތުރުވެރިއެއްގެ ގަޔަށް ބަސް އަރައި އޭމާ މަރުވި އެވެ. އަދި ހަމަ އޭގެ ކުޑަދުވަސްކޮޅެއް ފަހުންވެސް ހަމަ އެމްޓީސީސީގެ ބަހެއް ކާރެއްގައި ޖެހި އެކްސިޑެންޓްއެއް ހިނގިއެވެ. ނިދި ޖެހިގެން ހިނގި މި ދެ އެކްސިޑެންޓާ ގުޅިގެން ޑްރައިވަރު ވަޒީފާއިން ވެސް ވަކިކުރި އެވެ. https://sun.mv/127194 ޝާހު ވިދާޅުވީ ރޭ ހިނގި އެކްސިޑެންޓް ހިނގީ ނިދި ޖެހިގެން ނޫން ކަމަށެވެ. ޝާހު ވިދާޅުވީ އެމްޓީސީސީގެ ބަސް ދުއްވޭ އެންމެ މަތީ ސްޕީޑް ވެސް 50 ކިލޯ މީޓަރަށް ދުއްވޭގޮތަށް ލިމިޓްކޮށްފައިވާ ކަމަށެވެ. " އަޅުގަނޑުމެންނަށް މިހާރު ބެލޭނެ ދުއްވާ ރޫޓްތަކާ ސްޕީޑްވެސް. ދެން ފުލުހުން އެކަން ތަހުގީގް ކުރުމަށްފަހު އެއްޗެއް ބުނަން އަޅުގަނޑުމެންނަށް އެނގޭނީ،" ޝާހު ވިދާޅުވި އެވެ. ބަސް ޑްރައިވަރާއި އޭގައި ތިބި މީހުންނަށް އެކްސިޑެންޓެއް ހިނގައިގެން އުޅޭކަން އެނގުނީ، ފުލުހުން ގޮސް އެ ބަސް ހުއްޓުވުމުން އެވެ. ބަސް ހުއްޓުވީ ހައިވޭގެ މެދެއްހާ ހިސާބުން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ