އެމްޑީއެންގެ ރަޖިސްޓްރީ އެންމެ ފުރަތަމަ އޮތީ ކެނެރީ ގޭގައި- ތޯރިގް

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެން އުފެދިގެން އައިއިރު އެ ޖަމިއްޔާ އެންމެ ފުރަތަމަ ރަޖިސްޓްރީ ކޮށްފައިވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެ ކަމަށްވާ ގ.ކެނެރީ ގޭގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.އެމްޑީއެން އެންމެ ފުރަތަމަ އުފެއްދީ ރާއްޖޭގައި ނުހައްގުން ޖަލަށް ލާ މީހުންގެ ހައްގުތައް ކަށަވަރު ކުރުމަށް މަސައްކަތް ކުރާ އެންޖީއޯއެއްގެ ގޮތުގައެެވެ. އެގޮތުން މޯލްޑިވްސް ޑިޓެއިނީ ނެޓްވޯކްގެ ނަމުގައި އެންމެ ފުރަތަމަ އެޖަމިއްޔާ އުފެއްދީ 2004 ވަނަ އަހަރުއެވެ. އެމްޑީއެން އުވާލުމަށާއި، އެޖަމިއްޔާގެ މެމްބަރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހުގެ ރޭގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ތޯރިގު ވިދާޅުވީ އެމްޑީއެންގެ ރަޖިސްޓްރީ އެންމެ ފުރަތަމަ އޮތީ ކޮން ގެއެއްގައިތޯ ބަލާލަން ޖެހޭ ކަމަށެވެ.އަދި އެ ގެއަކީ ރައީސް ނަޝީދުގެ ކެނެރީގެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ މައުލޫމާތު ސައްހަކަން ޔަގީން ކުރުމަށްޓަކައި ޔޫތު މިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ."އަޅުގަނޑުގެ މައުލޫމާތު ދޮގު ނޫން ކަމުގައި ވާނަމަ، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް ނުވަތަ ކުރިން ނަމަ މޯލްޑިވްސް ޑިޓެއިނީ ނެޓްވޯކް ރަޖިސްޓްރީ ކޮށްފައި ފުރަތަމަ އޮތީ ކެނެރީ ގޭގައި" ތޯރިގު ވިދާޅުވިއެވެ.ތޯރިގު ވިދާޅުވީ ރަނގަޅަށް ބަލައިފިނަމަ އެމްޑީއެންގެ އަސްލު އަދި ފެށުން އައިސްފައިވާ ހިސާބަކީ އެއީކަން އެނގޭނެ ކަމަށެވެ. އަދި އެ ސަބަބުތަކާ ގުޅިގެން މި ސަރުކާރަށް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީއެންއިން "ނެއްޓެވޭނެ" ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.އެމްޑީއެން މެދުވެރިކޮށް އިސްލާމް ދީނާ ދެކޮޅު ރިޕޯޓުތައް ލިޔަމުންދާއިރު، ރައްޔިތުން އެކަމާ ދެކޮޅަށް އުފުލާ އަޑުތައް ސަރުކާރަށް ނީވެނީ ކީއްވެގެން ކަމާމެދު ސުވާލު އުފެދޭ ކަމަށް ތޯރިގު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2015 ވަނަ އަހަރުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް އޭރު އިދިކޮޅު ފަރާތްތަކުން ކުރި މޭޑޭ މުޒާހަރާގައި ދެއްކި ވާހަކަތަކާ ގުޅިގެން މިހާރުގެ ހޯމް މިނިސްޓަރު އައްޝެއިހު އިމްރާން އަބްދުﷲ ހައްޔަރު ކުރުމުން އޭނާގެ ދިފާއުގައި މަސައްކަތް ކުރީ އެމްޑީއެން ކަމަށާއި މިއަދު މި ސަރުކާރުގެ ވެރިން އެޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ނުކެރިގެން އުޅެނީ އެ ސަބަބުތަކާހުރެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސީޕީ މުހައްމަދު ހަމީދަކީ އެއްއިރެއްގައި އެމްޑީއެންގެ ޑެޕިއުޓީ ޗެއާމަންކަން ފުލުހުންވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން ތޯރިގު ވަނީ ކިތަންމެ ގިނަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ކިތަންމެ ގިނަ ވަގުތެއް ހޭދަ ކުރިއަސް، އިދިކޮޅު ފަރާތްތަކުން ތިބީ އެމްޑީއެންގެ މައްސަލައިގައި ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ