ނިއުޒީލޭންޑުގައި "ބައިބެކް" ސްކީމް އިފްތިތާހުކޮށްފި

ނިއުޒީލޭންޑްގެ ކްރައިސްޓްޗާޗްގައި ދެ މިސްކިތަަކަށް ދިން ބަޑީގެ ހަމަލާތަކާއި ގުޅިގެން އެ ގައުމުގެ ރައްޔިތުން ގެންގުޅޭ ސެމި އޮޓޮމެޓިކް ބަޑިތައް އެތަކެތީގެ ވެރި މީހުންގެ އަތުން ނިއުޒީލެންޑް ސަރުކާރުން ބަދަލުދީފައި "ބައި ބެކް" ސްކީމެއްގެ ދަށުން ނަގަން ފަށައިފި އެވެ.
މިސްކިތްތަކަށް ދިން ހަމަލާތަކާއި ގުޅިގެން އެ ގައުމުގައި އެފަދަ ބަޑި ގެންގުޅުން ވަނީ މަނާކޮށްފަ އެވެ. އަދި އެފަދަ ބަޑި ގެންގުޅޭ މީހުންގެ އަތުން އެތަކެތި އަތުލާ އެ މީހުންނަށް ބަޑީގެ އަގުގެ ބަދަލު ދިނުމަށްޓަކައި ނިއުޒީލޭންޑްގެ ސަރުކާރުން 136 މިލިއަން އެމެރިކާ ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ.
ނިއުޒީލޭންޑްގެ ބަޑި ގެންގުޅުމުގެ ގާނޫނަށް ގެނައި ބަދަލުގެ ދަށުން ހިންގާ އެ ޕްރޮގްރާމް ހަ މަސް ދުވަހަށް ދިގު ދެމިގެން ދާއިރު ބަދަލު ދިނުމުގެ ސްކީމް ދަށުން ބަދަލު ދެނީ ނިއުޒީލޭންޑްގައި ލައިސަންސް ކޮށްފައިވާ ބަޑިތަކަށް އެކަންޏެވެ. އަދި އޭގެ އިތުރުން އާދައިގެ ބަޑިއެއް އެފަދަ ސެމި އޮޓޮމެޓިކަށް ބަދަލު ކުރަން ބޭނުން ކުރާފަދަ ވަސީލަތްތަކަށް ވެސް ބަދަލު ދެވޭނެ އެވެ.
ބަދަލު ދިނުމުގެ ސްކީމްގެ ދަށުން ސަރުކާރުން ސެމީއޮޓޮމެޓިކް ބަޑިތައް ގަތުމުގެ އެންމެ ބޮޑު ބޭނުމަކީ އެންމެ ނުރައްކާތެރި ހަތިޔާރުތައް ގެންގުޅުން ހުއްޓުވުން ކަމަށް ނިއުޒީލޭންޑްގެ މިނިސްޓާ އޮފް ޕޮލިސް ސްޓުއާޓް ނޭޝް ވިދާޅުވި އެވެ.
އަދި ބަޑިތައް އޭގެ ވެރިފަރާތްތްކުގެ އަތުން ގަންނައިރު އެމީހުން އެތަކެތި ގަތް އަގުގެ 95 ޕަސެންޓް ބަދަލު ދެވިގެންދާނެކަމަށް ނޭޝް މައުލޫމާތު ދެއްވި އެވެ. ފުލުހުން އަންދާޒާކުރާ ގޮތުގައި އާ ގާނޫނުގެ ދަށުން 14،300 ސެމި އޮޓޮމެޓިކް ބަޑިއަށް ބަދަލު ދެވޭނެ އެވެ.
ބައި ބެކް ސްކީމް ފެށުމުގެ ކުރިން ވެސް 700 ބަޑި ވަނީ ހަވާލުކޮށްފަ އެވެ. އަދި ފުލުހުން ބަލާ ދިއުމަށްޓަކައި އިތުރު 5000 ބަޑި ރަޖިސްޓްރީ ކޮށްފައިވެސް ވެއެވެ.
ނިއުޒީލޭންޑްގެ ފުލުހުން 2016 ގައި އަންދާޒާކޮށްފައިވާ ގޮތުގައި އާންމުންގެ އަތުގައި 1.2 މިލިއަން ހަތިޔާރު ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ