ރައީސް ޔާމީން އަންގަވައިގެން ރާއްޖެ ޓީވީ ބަންދު ކުރަން އުޅުނު ކަމުގެ ވާހަކަތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރު ރާއްޖެ ޓީވީ ބަންދު ކުރަން އެމަނިކުފާނު އަންގަވައިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު އިސްމާއީލް ސޮފްވާން އެ މަސައްކަތް ކުރަން އުޅުއްވި ކަމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވެއްޖެ އެވެ.
މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ އިއްޔެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަހީބު ވިދާޅުވީ މިދިޔަ ވެރިކަމުގައި ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވެސް އަދި އެހެން އެއްވެސް ސިޔާސީ ބޭފުޅެއްގެ ފަރާތުން ވެސް ޝަހީބުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރާފައި ނުވާ ކަމަށެވެ.
ޝަހީބު ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރި ދުވަސްވަރު ރައީސް އޮފީހުގައި ރައީސް ޔާމީނާއި ބައްދަލު ކުރެއްވުމުގެ ދަޢުވަތު ލިބިފައިވާ ކަމަށް ކޮމިޝަންގެ މެންބަރު ސޮފްވާން އޭނާއާ ގުޅައި ދެންނެވި ކަމަށެވެ.
ނަމަވެސް އެ ދަޢުވަތަކީ ރަސްމީ ދަޢުވަތެއް ނޫން ކަމަށް ވާތީ އެކަމަށް އިޖާބު ނުދެއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ރައީސް ޔާމީން ބައްދަލުކުރައްވަން ބޭނުންފުޅު ވަނީ ސޮފްވާނާއި ޝަހީބާއި ދެބޭފުޅުންނާއި އެކުގައި ކަމަށް ވިދާޅުވުމުން އެކަމަށް ވެސް އިންކާރު ކުރައްވާ ބައްދަލުކުރަންޏާ ބައްދަލުކުރާނީ ކޮމިޝަންގެ އެއިރުގެ ނާއިބު ރައީސް އަސްލަމާއި އަދި ކޮމިޝަނުގެ މެންބަރުންނާއި އެކުގައި ކަމަށް ސޮފްވާނު ގާތުގައި ދެންނެވި ކަމަށް ޝަހީބު ވިދާޅުވި އެވެ.
އަދި ސޮފްވާން ރައީސަށް އޮފީހަށް ވަޑައިގެން އެތަނަށް ދިއުމަށް ދެވަނަ ފަހަރަށް ދަޢުވަތު ދެއްވި ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ. ނަމަވެސް އެ ދަޢުވަތަށް ވެސް އިންކާރު ކުރެއްވި ކަމަށް ކޮމެޓީގައި ޝަހީބު ވިދާޅުވި އެވެ.
"އޭގެ ފަހުން މަގުމަތިން އަޅުގަނޑާއި ސޮފްވާނާއި ބައްދަލުވި. ދެން އަޅުގަނޑަށް ރައީސްގެ މެސެޖެކޭ ކިޔާފައި ދެއްކި މެސެޖެއް. އަދި މެސެޖުގައި އޮތީ އެއް ހަފްތާ އަށް ރާއްޖެ ޓީވީ ބަންދު ކޮށްދިނުމަށް. ޕްރެޒިޑެންޓް އޮތީ ކޮންޓެކްޓްގައި. އެ ދެން ނޭނގެ ކާކު ކަމެއް. އަޅުގަނޑު ދެންނެވިން އެއީ އަޅުގަނޑަށް ކުރެވޭނެ ކަމެއް ނޫނޭ. އެކަން ކުރެވޭނީ ކޮމިޝަންގެ ބައްދަލުވުމެއް ބާއްވައިގެނޭ. އަޅުގަނޑު އެ ކަން ހަމަޖައްސައިދީފާނަމޭ. ނަމަވެސް ކަން ދިމާ ކުރި ގޮތުން އެ ބައްދަލުވުން އެޖެންޑާ ކުރި ދުވަހު އަޅުގަނޑުގެ ބައްޕަ ބަލިވެގެން ބައްދަލުވުމަށް ހާޒިރެއް ނުވެވުނު،" ޝަހީބު ވިދާޅުވި އެވެ.
ޝަހީބު ވަނީ ރާއްޖެ ޓީވީ ޖޫރިމަނާ ކުރަން ޖެހުނު ސަބަބުތައް ވެސް ޙިއްޞާ ކޮށްދެއްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ރާއްޖެ ޓީވީ ޖޫރިމަނާ ކުރަން ޖެހުނީ އަބުރުގެ ގާނޫނުގެ ދަށުން މެންބަރުން އެކަން ހުށަހެޅުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ