އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ނުފެންނާތީ ސުޕަ ކޮމިޓީ ހެދުމަކީ މިވަގުތަށް ކުރެވޭނެ ކަމެއްނޫން: ނަޝީދު

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕަށް ނުފެންނާތީ ސުޕަ ކޮމިޓީ ހެދުމަކީ ރައްޔިތުންގެ މަޖިލީހަށް މިވަގުތަށް ކުރެވޭނެ ކަމެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވައިދަށް ގެންނަ އިސްލާހެއްގެ ގޮތުގައި، މުސްތަގިއްލު ކޮމިޝަންތަކާއި އެކިއެކި މަގާމުތަކަށް ބޭފުޅުން ކަނޑައަޅައި ވަކި ކުރާނީ ސުޕަ ކޮމިޓީއަކުން ކަމަށާއި، މަޖިލިސް ރައީސް ޗެއާ ކުރައްވާ އެ ކޮމިޓީގައި ހިމެނެނީ މަޖިލިހުގެ ހުރިހާ ކޮމިޓީތަކުގެ މުގައްރިރުންނާއި، މަޖިލިހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ސިޔާސީ ޕާޓީތަކުގެ ލީޑަރުން ކަމަށް ރައީސް ނަޝީދު ވަނީ ހުށަހަޅުއްވައިފައެވެ. ނަމަވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން އެކަަމަށް ވަނީ ދެކޮޅު ހައްދަވައި އެކަން ގަބޫލު ނުކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަން ފާހަގަ ކުރައްވައި ވާހަކަ ދައްކަަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އެފަދަ ކޮމިޓީއެއް އޮތުމަކީ ބުއްދިވެރިކަމެެއް ނޫން، ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމުމާ ހިސާބުން އެ އިސްލާހު ގެނައުމަކީ މަޖިލީހަށް މިވަގުތު ކުރެވެން އޮތްކަމެއް ކަމަކަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް އާ އަވައީދަށް އަމަލުކުރުން އަަވަސްކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މަޖިލީހުގެ ގަވާއިދު އިސްލާހު ވެގެން އަންނަން ޖެހޭނީ ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިނގަމުންދާ ބަހުސްތަކުގެ މައްޗަށް ކަމަށެވެ.
އަދި ސުޕަ ކޮމިޓީ ހެދުމާ ބެހޭ ގޮތުންވެސް ހުރިހާ ސިޔާސީ ޕާޓީއަކާ މަޝްވަރާ ކުރެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ