ރައީސް ނަޝީދު ރޯދަ ކުރުކުރަން މިއަދު މަޑިއެއްލުމަށް!

އުސްފަސްގަނޑަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ކުޑަކުދިންނާއި އާއިލާގެ އެކީ ހިތް ހަމަ ޖައްސާލަން ޖަމާވާ ބިމެވެ. މަޑި ނުވަތަ ގުޑި އެރުވުމާއި ސްކޭޓް ކުރުމުމާއި ބޮކި އެރުވުމުން ގޮސް އެތަށް ކުޅިވަރެއް އެކި އުމުރުފުރައިގެ ކުދިން ކުޅެ ހަދަ އެވެ. އާދައިގެ މަތިން މިއަދު ވެސް އަޅުގަނޑު އެތަނަށް ދިޔައީ، "ސަން" ގެ ފޮޓޯގްރާފަރަކާ އެކު މާލެގެ ރޯދަ ކުރުކުރުމުގެ ފޮޓޯ ކޮޅެއް ނަގާލާށެވެ. މާލެ ތެރޭ ދުއްވުމަށް ފަހު، އަޅުގަނޑުމެންގެ މަންޒިލަކަށް ވީ އެއްކަލަ އުސްފަސްގަނޑެވެ. އުސްފަސްގަނޑުގައި މިއަދު ވެސް ފުރިފައި އޮތީ، މަޑި އެއްލާން އެތަނަށް ގޮސްތިބި އެކި ފުރައިގެ މީހުންތަކުން އެވެ. މިއަދަކީ ކުޑަކުދިންގެ ދުވަސް ކަމަށް ވާތީ އެހެން ދުވަސްތަކާ ހިލާފަށް މިއަދު މާ ކުޑަކުދިން ވެސް ގިނަ އެވެ. އިރުކޮޅެއް ނުވެ އެންމެންގެ ނަޒަރު ހުއްޓުނީ، ރައީސްކަން ކުރެއްވި އަދި މިހާރު ރައްޔތުންގެ މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު ރައީސް މުހައްމަދު ނަޝީދު އެތަނަށް ވަޑައިގެންނެވުމުން އެމަނިކުފާނަށެވެ. ފުއްޓަރު ފަރާތު ގާ އެޅި ސަރައްހަދު ބައްވާލެއްވުމަށް ފަހު ނަޝިދުވެސް އެހެން ކުދިންނެކޭ އެއް ފަދައިން ފެއްޓެވީ މަޑި އަރުވާށެވެ. ވަރަށް ފޯރީއާއި ޖޯޝުގަ އެވެ. ނަޝީދު ފޯރިއާއެކު މަޑި އެރުވުމުގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ ނަޝީދު ވިދާޅުވި ގޮތުގައި މަޑި އެރުވަމަކީ އެމަނިކުފާނު ވަރަށް ކުރީއްސުރެއް ކޮށް އުޅުނު ކަމެކެވެ. ނުހަނު ކުރާ ހިތުން ކުރައްވަން ބޭނުން ކަމެކެވެ. ކުޑައިރުވެސް އެމަނިކުފާނު ރޯދަ ކުރުކުރުމަށް މަޑިއެއްލަން ވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. "ވަރަށް ކުރީއްސުރެ ކޮށް އުޅުނު ކަމެއް މަޑި އެއްލުމަކީ. ގުޑި އެރުވުމަކީ. ކުޑަ އިރުވެސް ވަރަށް ކޮށް އުޅުނު ކަމެއް މަޑި އެރުވަމަކީ، މަޑި އަރުވާތަން ފެނުމުން މިކަމުގައި ބައިވެރިވެވޭތީ ވަރަށް އުފާވޭ،" ކުޑަކުދިންގެ ދުވަހު ކުޑަ ކުދިންނާއެކު މަޑި އެރުމުވަމަށް ފަހު، ނަޝީދު ސަންއާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ، ރޯދަ ކުރުކުރުމުގެ ގޮތުގެ އެމަނިކުފާނު ކޮންމެ ދުވަހަކުވެސް ބޭރަށް ނިކުމެ ހިގާލާ އުޅޭ ކަމަށާއި ރޯދަ ކުރުކުރުމުގެ ގޮތުން އެންމެ ކުރާ ހިތްވާ ކަމަކީ "ފޮތް ކިޔުން، ހިނގާލަން ދިޔުން، ފިލްމު ބެލުން އަދި ރާޒުވާ ކުޅުން،" ކަމަށެވެ. https://twitter.com/tedmaldives/status/1126836940144144384 ކުޑަކުދިން އެހާ އުފަލުގައި ކުޅިވަރު ކުޅޭތަން ފެނުމުން އެ މަންޒަރު ސިފަ ކުރައްވާނީ ކިހިނެއްތޯ ސުވާލު ކުރުމުން ނަޝިދު ވިދާޅުވީ ޅެންބައިތެކެވެ؛ "ހުރިހާ ކުޑަ ކުދިންނަށް ވެސް ގުޑި އަރުވަމުން، އުފާ އުފަލުން އުފާ ކުރަމުން ވަޔާ އެކު އުދުހި ދެވިދާނޭ، ތާފާތު އެކި މަލުން ފޮނި ބޮއެ މަޖާކޮށް އުދުހި ދާނޭ،" ނަޝިދު ކުޑަ ކުދިންގެ ދުވަހު ހުރިހާ ކުޑަ ކުދިންނަށް ވެސް އިލްތިމާސެއް ދޫކުރެއްވި އެވެ. ފޮތް ކިޔުމަށް ލޯބި ކޮށް ދީނީ ފޮތް ފަދަ ފޮތްތަށް ކިޔުމަށް ނަޝީދު އިލްތިމާސް ކުރެއްވި އެވެ. އުސްފަސްގަނޑުގައި މަޑިއރުވުން ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ "އަޅުގަނޑު އުންމީދު ކުރަން ހުރިހާ ކުޑަ ކުދިންނަށް ވެސް ދިވެހި، އިނގިރޭސީ ފޮތް ކިޔަން އާދަޔަކަށް ހައްދަވާނެ ކަމަށް. އަދި ކިޔުމާއި ކަންކަން ހޯދުމެގެ ތެރޭގައި ހުރިހާ ކުދިންވެސް އުޅޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ. މަޑިއެރުވުމަށް ފަހު ކުދިންނާއެކު ސެލްފީ ނަންގަވާ ވެސް ހެއްދެވި އެވެ. ކުޑަ ކުދިންނާއެކު ވަގުތު ކޮޅެއް ހޭދަ ކުރުމަށް ފަހު ނަޝިދު އިރު ފެނު ޖެހުމުގެ ކުރިން ސައިކަލުގައި އެ ސަރަހައްދުން ވަޑައިގެންނެވީ އެވެ. ނަޝިދު މަޑި އެރުވުމަށް ފަހު ސައިކަލުގައި ވަޑައިގަންނަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ ނަޝީދު ރޯދަ ކުރުކުރުމަށް މިއަދު މަޑިއެއްލަން ވަޑައިގެންނެވި އިރު، މީގެ ދެދުވަސް ކުރިން އެމަނިކުފާނު ވަނީ، ލޯކަލް މާރުކޭޓަށް ވަޑައިގެން އެތަނުގައި ތިބޭ ވިޔަފާރިވެރިންގެ ކައިރިއަށް ވެސް ވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ