އެމްޑީޕީއަށް ލިބުން އަޣުލަބިއްޔަތު ބޭނުންކުރަން ޖެހޭނީ ބުއްދިވެރިކަމާ އެކު: ނަޝީދު

އެމްޑީޕީއަށް ލިބުނު އަޣުލަބިއްޔަތު ބޭނުންކުރަންޖެހޭނީ ބުއްދިވެރިކަމާއި ހިކުމަތްތެރިކަމާއި ކެއްތެރިކަމާއެކު ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ސުޕަ މެޖޯރިޓީއެއް ހޯދާފަ އެވެ. 87 ދާއިރާގެ ތެރެއިން 65 ދާއިރާއެއް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ. އެމްޑީޕީން ތޮއްޑޫ އާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޝީޔާން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އުފާ ފާޅު ކުރުމަށް ތޮއްޑޫގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުގައި އެބޭފުޅުން ކުރާނެ ކަމަކަީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން ކަމަށެވެ. އެ ނޫން ކަމެއް ނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. "ތިބޭފުޅުން ގާތުގާ ކޮށްދޭނެ ކަމަށް ބުނި ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ހިންގާ މަސައްކަތް މިއީ." ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެޖެންޑާ 19 އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގައި ތަންފީޒު ކުރާނެ ކަމަށެވެ. އޭގެން ރައްޔިތުން ރަށަށް ބޭނުންވާ ތަރައްގީ ފުރިހަމައަށް ގެނެސްދޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީން ނަވާރަވަނަ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައިވާއިރު އެ މަޖިލީހުގައި ފާސްކުރާނެ 19 ގާނޫނީ އޮނިގަނޑެއް އެ ޕާޓީން ވަނީ ތައްޔާރުކޮށްފަ އެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީން ކުރާނީ އެ 19 ގާނޫނީ އޮނިގަނޑުގެ މަސައްކަތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ