ނަޝީދު އަނެއްކާވެސް "ލާދީނީ" ވާހަކަ ދައްކަވަނީ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީ އަކީ ލާދީނީ ފިކުރަށް ތާއީދު ކުރާ ޕާޓީއެކޭ ބުނުމުން ބަޔަކު އެކަން ޤަބޫލު ކުރަން ބޭނުން ނުވިޔަސް އެއީ ހަޤީޤަތެއް ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. އެޕާޓީގެ އެންމެ އިސް ސަފުގައި ތިއްބެވި ބޭފުޅުން، އެބޭފުޅުންގެ އަމަލާއި ބަހުން އެގެންދަވަނީ އެކަން ވަރަށް ރަނގަޅަށް ހާމަކޮށްދެއްވަމުންނެވެ. އެމްޑީޕީން އިސްލާމް ދީނާއި ޚިލާފުވާހަކައެއް ދެއްކުމުން އެކަން ފާހަގަކުރާއިރަށް، އަޑަށް ބާރުލާފާއި ރައްދުގައި ބުނާ ވާހަކައަކީ ދީނީ ކާޑު ކުޅެނީއޭއެވެ. ނުވަތަ ދީން ހަތިޔާރަކަށް ހަދަނީއޭއެވެ. އެފަދަ ރައްދުތަކެއް ދިނަސް، ހަގީގަތެއް ވާނީ ހަމަ ހަގީގަތަކަށް، އެހެންނޫންތޯ؟ މިއީ ސައްތައިން ސައްތަ އިސްލާމީ ގައުމެކެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އެންމެ ފުރަތަމަ ބާބުގެ 10 ވަނަ މާއްދާގެ ހގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި ށ ގައި ބުނެފައި ވަނީ ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެ ކަމަށެވެ. އެހެންކަމުން، ކިތަންމެ ބޭނުންފުޅުވިޔަސް، މިޤައުމުގައި އިސްލާމްދީނާއި ދެކޮޅަށް ވާހަކަ ދައްކާނަމަ، ރައްޔިތުން އެ ވާހަކަތައް އަޑުއަހަން މަޑުންނެއް ނުތިބޭނެއެވެ. އެކަން އޮންނާނީ މާޒީންވެސް ދައްކުވައިދީފައެވެ. ދިވެހި ރައްޔިތުންނަށް މިއަދު ފެނިގެން މިދަނީ ތާރީހު އިއާދަވަމުން އަންނަ މަންޒަރެވެ. ދަންނަވަން މިއުޅެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަނެއްކާވެސް އެބޭފުޅާ ކުރިން ދައްކަވާފައިވާ ފަދަ "ލާދީނީ" ވާހަކަތަކެއް ދައްކަވަން ފެށި ވާހަކައެވެ. ރާއްޖެ ސަލާމަތް ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ ސްކޫލުތަކުގެ މުގައްރަރު ބަދަލުކުރުން ކަމަށް ނަޝީދު މިވަނީ ވިދާޅުވެފައެވެ. މިހާރުގެ ދަރިވަރުންގެ ފޮތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ވާހަކަތައް ގިނަ ކަމަށް ނަޝީދު ވިދާޅުވިއިރު، އެވިދާޅުވި އެއްޗެއްގެ މާނައާއި މެދު ފުންކޮށް ވިސްނާލުމުން އެނގި ހާމަވަނީ ރާއްޖޭގައި ދީނީ ތައުލީމް ހަނި ކުރަން އެބޭފުޅާ ބޭނުންވެލައްވާކަމެވެ. އެކަން އެގޮތަށް ކުރައްވަން ނަޝީދު ބޭނުންފުޅުވެލައްވަނީ ރާއްޖެއަށް ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ މީހުންގެ ފިކުރު ފެތުރިގެން ދިއުމުގެ ބިރުވެރިކަން އޮތުމުން ކަމަށް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން ދެކިލައްވައެވެ. އެހެންނަމަވެސް، ހަގީގީ މައްސަލައަކީ އިސްލާމީ ތައުލީމް ނޫންކަން ދިވެހި ރައްޔިތުންނަށް އެނގޭ. އަދި ނަޝީދު އެބޭނުންފުޅުވެލައްވަނީ ކޮން މިސްރާބަކަށް ކިޔަވާކުދިންގެ ވިސްނުން ގެންދަން ކަމާމެދުވެސް ސުވާލެއް ނުއުފެދެއެވެ. ސްކޫލްތަކުގެ މުގައްރަރު ބަދަލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވިއިރު، އެމަނިކުފާނުގެ ވެރިކަމުގައި މުގައްރަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރެއްވިއެވެ. އެގޮތުން، 2012 ވަނަ އަހަރުގެ އޭޕްރީލްމަހުގެ 19 ވަނަ ދުވަހު ނަޝީދު ވޮޝިންޓަން ޕޯސްޓް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ނަޝީދުގެ ވެރިކަމުގައި އިސްލާމީ ތައުލީމް ހަނިކޮށްފައިވާނެ ކަމަށާއި 30 އަހަރުވަންދެން ގުޅުން ކަނޑާލާފައި އޮތް އިޒްރޭލާއިވެސް ގުޅުން ބަދަހިކޮށްފައިވާނެ ކަމަށެވެ. ހަމަ އެބަސްދީގަތުމުގައި ނަޝީދު ވިދާޅުވެފައިވަނީ، ރާއްޖޭގައި ބުރުގާ އަޅަން މަޖުބޫރު ކުރުވާފައި ތިބި އަންހެނުންގެ ސަލާމަތަށްޓަކައިވެސް ނަޝީދުގެ 3 އަހަރުވީ ވެރިކަމުގައި މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އިދިކޮޅު އެމްޑީޕީއަކީ ލާދީނީ ފިކުރަށް ތާއީދުކުރާ ޕާޓީއެއް ކަމަށް ގިނަ ބަޔަކު ބުނަނީ މިފަދަ ވާހަކަތައް ނަޝީދު ދައްކަވާފައިވާތީއެވެ. އެބޭފުޅާ ގެންދަވަނީ އެކަން ތަކުރާރުވެސް ކުރައްވަމުން. ހުޅަނގުގެ މީހުން އެމްޑީޕީގެ ލީޑަރު ނަޝީދަށް މާބޮޑު ތާއީދެއް ކުރަނީ ކީއްވެގެން ކަމާމެދު ކޮންމެ ދިވެހި ރައްޔިތަކުވެސް މިއަދު ވިސްނާލުން މުހިއްމެވެ. ނަޝީދަކީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެން ނޫނީ ސަލާމަތެއް ނެތް ކަމާއި، ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތް ނޫން އެހެން ހައްލެއް ދިވެހިން ބޭނުންވާ ކަމަށް ވިދާޅުވި ބޭފުޅެކެވެ. މިއީ ދޮން މީހުން ނަޝީދު ދެކެ އެހާ ބޮޑު ލޯތްބެއް ވެގެން އުޅޭ އެއް ސަބަބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ