ޔާމީން ރަޝީދު ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކިބަސް ނަގައިފި

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރިގޮތަކަށް މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައި އޮތް ހަށިގަނޑު ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކި ބަސް މިއަދު ނަގައިފި އެވެ. ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އެޕްރީލް މަހު 23 ވަނަ ދުވަހުގެ ދަންވަރު އެވެ. ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮތް ޔާމީން ރަޝީދު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގަ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހެއްގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ މައްސަލައިގަ މިއަދު ބޭއްވި އަޑުއެހުމުގައި ހެކިބަސް ނަގާފައިވަނީ ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ތަނުން އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ދެ ފުލުހުންގެ ހެކިބަހެވެ. އެރޭ، ފުލުހުންގެ ވެހިކަލްގައި ޑިއުޓީގައި އުޅުނު އަހްމަދު ނައުޝާދު އާއި ވެހިކަލް ދުއްވަން އިން މުހައްމަދު އިގްބާލް، ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ގެ (މ. ސްޕެޓިއުލާ) އަށް ދިޔައީ ދަންވަރު 2:55 ހާއިރު ކަމަށް ވަނީ ބުނެފަ އެވެ. އެ ސަރަހައްދަށް ދިޔަ އިރު އެ ގެ ކައިރީގައި އިތުރު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށް ވެސް އެ ދެ މީހުން ވަނީ ބުނެފަ އެވެ. އަދި އެ ދެ މީހުން އެ ތަނަށް ދިޔައިރު މ. ސްޕެޓިއުލާގެ ސިޑިގޮޅި އޮތީ ނިއްވާލާފައި އަދިރިކޮށް ކަމަށާއި އެތެރެއަށް ވަނީ ފޯނުގެ ބައްތި ދިއްލައިގެން ކަމަށް ވެސް ވަނީ ބުނެފަ އެވެ. "އަނދިރިކޮށް އޮތުމުން ފޯނުގެ ބައްތި ދިއްލައިގެން ވަތް އިރު މީހަކު އޮތީ ވެއްޓިފައި ވަރަށް ބައިވަރު ލޭ ވެސް އޮތް. ދެން އަވަހަށް ނަގައިގެން ވެހިކަލްގައި ހޮސްޕިޓަލަށް ގެންދިޔައީ. ނެގިއިރު ވެސް އެއްވެސް ހަރަކާތެއް ނެތް،" އަހްމަދު ނައުޝާދު ކިޔައިދިނެވެ. ޔާމީން ރަޝީދު ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ކަރު ދަށުންނާއި މޭ . މެއްޗަށް ތޫނު އެއްޗަކުން ވަރަށް ބޮޑަށް ހަމަލާދީފައިވާ ކަން ނައުޝާދު ފާހަގަކުރި އެވެ. އަދި އެވާހަކަ ތައް ކިޔައިދެމުން ދިޔައިރު ޝަރީއަތުގެ އަޑުއެހުމަށް ވަދެ އިން ޔާމީން ރަޝީދުގެ މަންމަ އާއި އެއްބަނޑު އެއްބަފާ އަންހެން ކޮށްކޮގެ ލޮލުން ކަރުނަ ހިލި ރޮވުނެވެ. ޔާމީން(މ) އަށް ހަމަލާ ދިން ކަމަށް ތުހުމަތުކޮށް ފޮޓޯ އާއްމުކުރި ދެ މީހުން ދެ ފަރާތުގައި --- ޔާމީން ރަޝީދު ނެގިއިރު އޭނާގެ ވިންދު ހުރިތޯ ސުވާލު ކުރުމުން ނައުޝާދު ބުނީ، އެކަންތައް ޗެކް ކޮށްފައިވަނީ ސީންއަށް ފުރަތަމަ އެޓެންޑްވި ފުލުހުން ކަމަށާއި އެ މީހުންގެ މަސްއޫލިއްޔަތަކަށްވީ ޒަހަމްވެފައިވާ ހަށިގަނޑު ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާދޭ ތަނަކަށް ގެންދިއުން ކަމަށެވެ. ސީން ކޯޑަން ކޮށް ހެކި ރައްކާތެރި ކުރުމުގައި އެ ސަރަހައްދުގައި އިތުރު ފުލުހުން ހަރަކާތްތެރިވު ކަން ނައުޝާދު ފާހަގަ ކުރެއްވި އެވެ. ޔާމީންގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ މީހުންނަކީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ. ޝަރީއަތުގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން ހުސައިން ޒިޔާދުގެ ވަކީލް އަބްދުﷲ ޝާއިރު ވިދާޅުވީ، މިއަދު ދެ ހެކިން ހާޒިރު ކޮށްފައިވަނީ ސީން އޮތްގޮތް ބުނެދިނުމަށާއި ޔާމީން ރަޝީދުގެ ހަރަކާތް ހުއްޓިފައި އޮތްކަން ސާބިދު ކޮށްދިނުމަށް ކަމަށެވެ. އެހެން ނަމަވެސް އެ ދެ މީހުންގެ ވާހަކަތަކުން އެއިން އެއްވެސް ކަމެއް އެނގިފައި ނުވާކަމަށް ޝާއިރު ވިދާޅުވި އެވެ. ޔާމީން ރަޝީދަށް ހަމަލާދީފައި ވަނިކޮށް، މ. ސްޕެޓިއުލާ ގެ އަށް ފުރަތަމަ ދިޔަ ދެ ފުލުހުންގެ ހެކިބަސް ނެގުމަށް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ދެ މީހުން ރާއްޖެތެރޭ ރަށެއްގައު ހުރުމުން އަދި ހާޒިރު ކުރެވިފަ އެއް ނުވެއެވެ. ނަމަވެސް ވީޑިއޯ ކޮންފަރެންސްގެ އެހީގަ ނަމަވެސް އެ ދެ މީހުންގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ވިދާޅުވެފަ އެވެ. އެމައްސަލާގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޝަފައީ އަށް ސިއްރު ހެކިވެރިންނާއި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމެކާއި ހަތް އިންޓެލިޖެންސް ރިޕޯޓު، ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓު، ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާންތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ