މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަމެއް ނެތް - ނަޝީދު

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް އޮތް ނަމަވެސް، މަޖިލީހުގެ ރައީސް ކަމަށަ އެމަނިކުފާނު ޝައުގުވެރިވެ ނުލައްވާ ކަމަށެވެ.
"މަޖިލިސް ރައީސް ކަމަކަށް ޝައުގުވެރިއެއް ނުވޭ. އެމްޑީޕީގައި އެބަތިބި އެކަމަށް ގާބިލް ބޭފުޅުން. އެތައް ދުވަހަކު މަޖިލީހުގައި ތިއްބަވާފައި ތިބި މެމްބަރުން. މީގެ ކުރިންވެސް މަޖިލީސް މެމްބަރުކަން ކުރައްވާ، މިހާރު އައްޑޫ ހިތަދޫގެ ގޮނޑިއެއްގައި އިންނެވި އަސްލަމް އެއީ އަޅުގަނޑުމެން ތެރޭގައި މަގުބޫލް ބޭފުޅެއް، މަޖިލީސް ރައީސް ކަމަށް. ހުރިހާ މެމްބަރުންގެ ތެރޭގައި މިވާހަކަ ދައްކަން ޖެހޭނީ. އެދެނީ ނައިބު ރައީސް ކަމަށާއި، ރައީސް ކަމުގައިވެސް އެމްޑީޕީގެ މެމްބަރުން ތިބުން،" ކުރިއަށް އޮތް 19 ވަނަ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާއަށް އިންތިހާބުވި މެމްބަރު ނަޝީދު ވިދާޅުވިއެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީން ނަގާފައިވާ އިރު، ނަޝީދު ވިދާޅުވީ އެމްޑީޕީން ނުކުތީ މިދިޔަ އިންތިހާބުތަކަށް ބަލާ، އެކަންކަމަށް ތައްޔާރުވެގެން ކަމަށެވެ.
"މަޖިލީހުގެ ހަޔާތުގައިވެސް މި ބާވަތުގެ ނަތީޖާއެއް ފެނިގެން ނުދޭ. ހާއްސަކޮށް 2008 ވަނަ އަހަރުން ފެށިގެން މަލްޓި ޕާޓީ ސިސްޓަމަކަށް ބަދަލުވެގެން އައި ފަހުން މިފަދަ ނަތީޖާއެއް ނުނިކުމޭ. މި އިންތިހާބަށް ނުކުތީ ނިމިދިޔަ ދެ އިންތިހާބުގެ ނަތީޖާތަކަށް ބަލައިގެން. އެމްޑީޕީ ރާއްޖޭގައި އިންތިހާބުގައި ވާދަކުރާތައް ދުވަސްތަކެއް ވެއްޖެ. ޕާޓީގައި އެބަހުރި ރޭވުންތަކެއްވެސް، ކެޕޭސިޓީވެސް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އިދިކޮޅުގައި މެމްބަރުން މަދު ނަމަވެސް، ސުލްހަވެރިކަމާ ނަޒާހަތްތެރިކަމާއެކުގައި މަސައްކަތް ކުރެވޭނެ ކަމަށާއި، އެ ފުރުސަތު އިހުތިރާމާއެކު ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ