ނިއުޒީލޭންޑުގެ ދެ މިސްކިތަކަށް ޓެރަރިސްޓު ހަމަލާ ދިން މީހާގެ މައްޗަށް ދައުވާއުފުލައިފި

އިއްޔު ހުކުރު ނަމާދު ވަގުތުގައި ނިއުޒީލޭންޑުގެ ކްރައިސްޓްޗާޗުގެ ދެ މިސްކިތަކަށް ޓެރަރިސްޓު ހަމަލާދީ 49 މީހުން މަރާލި ކަނާތުފިޔައިގެ، ހައްދު ފަހަނައަޅާފައިވާ، ދޮން މީހުންގެ ވެރިކަން ދުނިޔޭގައި ގާއިމުކުރުމަށް ގޮވާލާ މީހާގެ މައްޗަށް ނިއުޒީލޭންޑުގެ ކޯޓުގައި ދައުވާ އުފުލައިފިއެވެ.
ޖަލު ހެދުމުމުގައި، ދެ އަތް އެއްކޮށް ބިޑިއަޅުވައިގެން ކްރައިސްޓްޗާޗުގެ ކޯޓަށް ހާޒިރުކުރި އޮސްޓްރޭލިޔާގެ އުމުރުން 28 އަހަރުގެ ނަސާރާއެއް ކަމުގައިވާ، ބްރެންޓަން ޓެރެންޓުގެ މައްޗަށް އުފުލާފައި ވަނީ މީހުން މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާ ކޯޓަށް ހާޒިރުކުރަނިކޮށް ނަގާފައިވާ ފޮޓޯގައި އޭނާގެ މޫނު ނޭނގޭގޮތަށް ހަދާފައި ވަނީ ކޯޓުން އެގޮތަށް އަމުރުކުރުމުންނެވެ.
ފުލުހުން ބުނާ ގޮތުގައި އޭނާގެ މައްޗަށް އިތުރު ދައުވާ އުފުލުން އެކަށީގެން ވެއެވެ.
އިއްޔެގެ ހަމަލާއަށް ފަހުން ވާހަކަފުޅުދައްކަވަމުން ނިއުޒީލޭންޑުގެ ބޮޑުވަޒީރު ޖަސިންޑާ އާޑާން ވިދާޅުވެފައި ވަނީ އޭނާ ފަސް ބަޑި ގެންގުޅުނު ކަމަށާ، އޭނާގެ އަތުގައި ބަޑި ގެންގުޅުމުގެ ލައިސަންސް އޮތް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "އަހަރުމެންގެ ބަޑި ގެންގުޅުމާ ބެހޭ ގާނޫނުތައް ބަދަލުވާނެ" ކަމުގައެވެ.
ކޯޓަށް ހާޒިރުކުރުމުން ޓެރެންޓް ކުށްކުރިކަމަށް އިއުތިރާފުވެވައެއްވެސް ނުވެއެވެ. އަދި އޭނާގެ ކުށެއް ނެތް ކަމަށްވެސް ބުނެފައި ނުވެއެވެ. އެހެންނަމަވެސް، ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށް، އޭނާ 5 އެޕްރީލުގައި ކޯޓަށް ހާޒިރުކުރުމަށް އަންގާފައެވެ.
އިއްޔެ ދެ މިސްކިތަށް ހަމަލާދިން މައްސަލައިގައި 4 މީހުން ހައްޔަރުކޮށް، ފަހުން އެކަކު ދޫކޮށްލާފައިވާ އިރު، ނިއުޒީލޭންޑުގެ ފުލުހުން މިހާރު ބުނަނީ ދެ ހަމަލާވެސް ދިނީ މިއަދު ކޯޓަށް ހާޒިރުކުރި ބްރެންޓަން ޓެރެންޓްކަމަށް މިހާރު ގަބޫލުކުރެވޭ ކަމަށެވެ. ފުލުހުން މިހާރު ބުނާ ގޮތުގައި އެއް މިސްކިތަށް ހަމަލާ ދިނުމަށް ފަހު އަނެއް މިސްކިތަށް ގޮސް 36 މިނިޓުގެ ތެރޭގައި އޭނާ ވަނީ ހަމަލާ ނިންމާލާފައެވެ.
ބަޑި ބޭނުންކޮށްގެން ރަހުމް ކުޑަ، އަނިޔާވެރި ގޮތަކަށް ހިންގި ޖަރީމާއަށް ފަހު ރޭ އެކަމުގެ ހިތާމައިގައި އޯކްލޭންޑުގެ އައޯޓެއާ މައިދާނަށް އެއްވެ ތިބި މީހުންނާ މުޚާޠަބު ކުރައްވައި، ނިއުޒީލޭންޑުގެ އެޓާނީ ޖެނެރަލް ޑޭވިޑް ޕާކާ ވިދާޅުވީ އެ ގައުމުގައި ސެމީ-އޮޓޮމިކް ރައިފަލް ގެންގުޅުން ސަރުކާރުން މަނާކުރަނެ ކަމުގައެވެ.
"އެ އެނިޔާވެރި އަމަލު އެކަން ހިންގި މީހާ އަމިއްލައަށް ގޯ-ޕްރޯ ކެމެރާއަކުން ވީޑިއޯކޮށް މުޅި ދުނިޔެއަށް މީސް މީޑިޔާ މެދުވެރިކޮށް ވަގުތުން ދެއްކުން އެއީ ރަނގަޅު ކަމަކަށް ވާނީ ކިހިނެއް؟" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ