ބާރަތްގެ ޝޫޓިން ނިމުމާއެކު ކެޓްރީނާގެ ބުޅި އިސްތަށިގަނޑު ގެއްލިއްޖެ

ސަލްމާން ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމު ބާރަތްގެ ޝޫޓިން މިވަނީ މެދު ކެނޑުމެއް ނެތި އެކީގޮސް ޝޫޓްކޮށް ނިންމާލައިފައެވެ.
ފިލްމުގެ ލީޑް ބަތަލާއަށް ކުރިން ޕްރިޔަންކާ ޗޯޕްރާ ހަމަޖެއްސިނަމަވެސް އޭނާ ފިލްމާ ދުރުވުމުން އެ ފުރުސަތު ކެޓްރީނާއަަށް ލިބިގެން ދިޔައީއެވެ. ފިލްމު ޝޫޓިން ވަނީ މިދިޔަ އޯގަސްޓުގައި ފަށައިފައެވެ. ފިލްމުގައި ފަސް ރޯލަކުން ސަލްމާން ފެނިގެން ދާނެ ކަމަށް ވެއެވެ.
ފިލްމުގެ ޝޫޓިން ތެރޭގައި ދޭތެރެ ދޭތެރެއިން މީސް މީޑިއާގައި ފޮޓޯ ހިއްސާކޮށް ކެޓްރީނާ ދިޔައީ ފިލްމަށް ފޭނުންގެ ހިތް ޖައްސަމުންނެވެ. ފޭނުންނަށް އެންމެ ކަމުދިޔައީ ފިލްމުގައި ކެޓްރީނާގެ ލުކް އެވެ. ހާއްސަކޮށް ފިލްމުގައި އޭނާ ކުޅޭ ރޯލުގެ ސަބަބުން އިސްތަށިގަނޑު ހުރީ ބުޅިކޮށްފައެވެ. ފޮޓޯ ތަކުން އިތުރަށް ފެންނަނީ ފިލްމުގައި ކެޓްރީނާ ގިނައިން ލައި އުޅެނީ ހަރުވާޅު ހެދުން ކަމެވެެ.
އިއްޔެ ކެޓްރީނާ ވަނީ މީސްމީޑިއާގައި ފިލްމުގެ ކްރޫ މެންބަރަކާ އެކު ފޮޓޯ ނަގައި ހިއްސާކޮށްފައެވެ. އަދި އިއްޔެ އަކީ ފިލްމުގެ ސެޓްގައި އެންމެ ފަހު ދުވަސް ކަަމަށްވެސް ކެޓްރީނާ ބުންޏެވެ. މީގެ އިތުރުން ފޮޓޯ ކެޕްޝަނުގައި "ބައި ބައި ކާލްސް" ވެސް ވަނީ ލިޔެފައެވެ.
ބާރަތް އަކީ ސަލްމާން އާއި ކެޓްރީނާ އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ކުރިން ވެސް މި ދެތަރިންވަނީ ފިލްމު ޓައިގާ ޒިންދާހެއި ގައި މަސައްކަތް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ