ގަޑިޖެހުމުން ބޮޑުއަދަދަކުން އެމްބާޕޭ ޖޫރިމަނާކޮށްފި

ޓީމުގެ މީޓީންއަށް ގަޑިޖެހިގެން ދިއުމުން، ޕީއެސްޖީން އެ ޓީމުގެ ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު، އޮލިމްޕިކް މާސޭއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން، އާދިއްތަ ދުވަހު ޕީއެސްޖީގެ ކޯޗް ތޯމަސް ޓޫހުލް ބޭއްވި ޕްރީ މެޗު ބައްދަލުވުމަށް އެމްބާޕޭއަށް ދެވުނީ ލަހުންނެވެ.
އެކަމާ ގުޅިގެން، ޕީއެސްޖީން ވަނީ 180,000 ޔޫރޯ (3.1 މިލިއަން ދިވެހި ރުފިޔާ) އިން، އެމްބާޕޭ ޖޫރިމަނާ ކުރުމަށް ނިންމާފަ އެވެ. އެމްބާޕޭ ވަނީ އެ ފައިސާ އޭނާގެ އެކައުންޓުން ޕީއެސްޖީ ފައުންޑޭޝަނަށް ދޫކުރުމަށް އެއްބަސްވެ ލިއުމެއްގައި ސޮއިވެސް ކޮށްފަ އެވެ.
ޓީމުގެ މީޓިންތަކަށް ލަހުން އަންނަ ކުޅުންތެރިންނަށް އަދަބު ދިނުމަކީ، ޔޫރަޕްގެ ކުލަބުތަކުގައި އެކަށައަޅާފައި އޮންނަ ހަމައެކެވެ. ޕީއެސްޖީން ވަނީ، މީގެ ކުރިން އެ ޓީމުގެ ޑިފެންޑަރު އެންޑްރޭ ރަބިއޮޓްވެސް ޖޫރިމަނާ ކޮށްފަ އެވެ. މިދިޔަ އަހަރު ޓީމުގެ ބައްދަލުވުމަކަށް ކުޑަތަންކޮޅެއް ލަހުން އާދެވުމުން، ޕީއެސްޖީން ވަނީ ޖެހިޖެހިގެން ތިން މަހަށް، ކޮންމެ މަހަކު 15000 ޔޫރޯގެ މަގުން ރަބިއޮޓް ޖޫރިމަނާ ކޮށްފަ އެވެ. މިދިޔަ ނޮވެމްބަރު، ޑިސެމްބަރު އަދި ޖަނަވަރީ މަހު ރަބިއޮޓް ދެއްކި ޖޫރިމަނާއާ އެކު ޖުމުލަ 45000 ޔޫރޯ (791453.25 ދިވެހި ރުފިޔާ) އޭނާ ދެއްކަން ޖެހުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ