ކުރީގެ ރައީސް މައުމޫނަށް ޑރ.އިޔާޒު ރައްދު ދެއްވައިފި

އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް، އިސްލާމީ ފަތުވާ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށް، ރާއްޖޭގައި އަންހެނުންނާއި ފަނޑިޔާރުކަން ހަވާލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދިފާޢުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވާހަކަ ދައްކަވާފައި ވަނިކޮށް، ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޑރ. މުޙައްމަދު އިޔާޒް އެކަމަށް ރައްދު ދެއްވައިފިއެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޑރ.އަޒްމިރަލްޑާ ޒާހިރާއި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމާއި މެދު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފަޔަކަށް އެދިވަޑައިގެންނެވުމުން އެ ކޮމިޝަނުން ވަނީ އެ ދެ ނަން ބަލައިގަތުމަށް ނިންމާފައެވެ.މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުންތަކެއް ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ. އަންހެން ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ މައުމޫންގެ ވެރިކަމުގައެވެ.އެމަނިކުފާނު ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ކަމަށް ކުރީގެ އަދި މިހާރުގެ ގިނަ އިލްމުވެރިން ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވާ ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ތިމާއަށް ބާރުލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަން އެގޮތުގައި ދަމަހައްޓަން މަސައްކަތްކުރަންވީ ސަބަބެއް ނޫން ކަމަށެވެ.އަދި ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވޭތޯ ބަލަން ޖެހޭ ކަމަށް. ސީދާ މައުމޫންގެ ނަން، ޓްވީޓުގައި ހިމަނާފައި ނުވިނަމަވެސް، އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ނޫން ކަމަށް އިސްލާމީ ފަތުވާ މަޖިލީހުން ކަނޑައަޅާފައި ވަނިކޮށް، އެކަމާއި ދެކޮޅަށް މައުމޫން ކުރެއްވި ޓްވީޓާއި ގުޅިގެން އިޔާޒް ދެއްވި ރައްދެއް ކަމަށް ބެލެވެއެވެ.އަންހެނުންނާއި ފަނޑިޔާރުކަން ހަވާލުކުރި މީހާ އާއި ހަވާލުވި މީހާ ވެސް ފާފަވެރިވާނެ ކަމަށް ރާއްޖޭގެ ފަތުވާ މަޖިލީހުން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ