ކޭކު ކެއުމަށް ފަހު ފައިސާ ނުދިނުމުން ފިހާރަޔަށް ވަނުން މަނާކޮށްފި

އެމެރިކާގެ ޓެކްސްގައި ހުންނަ ވޮލްމާޓުގެ ފިހާރައެއްގައި އޮތް ކޭކެއްގެ އެއް ފަޅި ކެއުމަށް ފަހު، ކޭކުގެ ފުރިހަމަ އަގު ދެއްކުމަށް ދެކޮޅު ހެދި އަންހެނެއްގެ މައްސަލަ ޕޮލިހަށް ރިޕޯޓްކޮށް "ބޮޑު މައްސަލައަކަށް" ވެއްޖެ އެވެ.
ފުލުހުންނާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް އިން ބުނީ ވިޔަފާރިކުރަން ފިހާރަ ތެރޭ ހިނގަމުން، ބޭކަރީ ބައިން ކޭކެއް ނަގައި އޭގެ އެއް ފަޅި އެއްކޮށް ކާލާފައިވާ ކަމަށެވެ. ފިހާރައިން ނުކުންނަން ދިޔައީ ކޭކު ބާއްވާފައި ކަމަށާއި އެ ކޭކަށް އަގު ދައްކަން ބުނުމުން އެ މީހާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާ ބުނެފައި ވަނީ އެއީ ކުރިން ވެސް ކޭކު އޮތް ގޮތް ކަމަށެވެ.
ކޭކުން ކާލި ބަޔަށް އަގު ދައްކަން އަންހެން މިހާ ތައްޔާރަށް ހުރި ނަމަވެސް އޭނާ އަށް ފުލުހުން އެންގީ ކޭކުގެ އަގު އެއްކޮށް ދައްކަންޖެހޭނެ ކަމަށެވެ. އެކަމަކު އެގޮތަށް އެ މީހާ އެއްބަސް ނުވި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެންމެ ފަހުން ފުލުހުން ވަނީ އެ އަންހެން މީހާ އެ ފިހާރަ އަށް ވަނުން މަނާކޮށްފަ އެވެ. ނަމަވެސް އެ މީހާގެ ނަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މިދިޔަ ޖެނުއަރީ މަހު ވެސް ވޮލްމާޓުގެ ފިހާރައެއްގެ ތެރޭގައި މި ފާޑުގެ ކަމެއް ހިނގި އެވެ. އެފަހަރު، އެތަނަށް ދިޔަ މީހަކު ވަނީ އިލެކްޓްރިކް ޝޮޕިން ކާޓެއްގައި އެތައް އިރެއް ވަންދެން ފިހާރަ ތެރޭ، ވައިން ބޮމުން ދުއްވައިފަ އެވެ. މި މައްސަލާގައި އޭނާ ވެސް އެ ފިހާރަ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ