ފިތުރު ޒަކާތުގެ ފައިސާ ހުކުރު ދުވަހުން ފެށިގެން ދޫކުރަނީ

މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީއަށް ލިބިފައިވާ ފައިސާ މިއަންނަ ހުކުރުދުވަހުގެ ރެއިން ފެށިގެން ދޫކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މާލެ ސިޓީގައި ފަގީރުންގެ ގޮތުގައި ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް މިއަންނަ ހުކުރު ދުވަހުގެރޭ 21:00 އިން ފެށިގެން ފިތުރު ޒަކާތުގެ ފައިސާ ދޫކުރަމުން ގެންދާނެ ކަމަށެވެ. ފައިސާ ދޫކުރާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުންނާއި ހުޅުމާލެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ވިލިމާލެ އޮފީހުން ކަމަށާއި ޖުލައި 26 އަދި 27 މި ދެދުވަހުގެ ހެނދުނު 10:30 އިން ފެށިގެން ފައިސާ ދޫކުރަމުން ގެންދާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.
ފައިސާއާ ހަވާލުވުމަށް ބަދަލުގައި އެހެން ފަރާތެއް ފޮނުވާނަމަ ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައި ވާ ފަރާތުގެ އައިޑީކާޑު ގެނައުމުން އެފަރާތުގެ ފައިސާ ދޫކުރެވޭނެ ކަމަށާއި ފައިސާ ނަންގަވަން ވަޑައިގަންނަވާއިރު ނަންނޯޓު ކޮށްފައި ދިން ސްލިޕްކޮޅާއި ފައިސާ އާއި ހަވާލުވާ ފަރާތުގެ އައިޑީކާޑު ގެންދަން ވާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ނުގެންދަވާ ފަރާތްތަކަށް އެ މުއްދަތުގެ ފަހުން ފައިސާ ނުލިބޭނެ ކަމަށާއި އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ ފަގީރުންގެ ގޮތުގައި ނަންނޯޓު ކޮށްފައިވާ ފަރާތްތަކަށް ފައިސާ ދޫކުރާނީ އެމީހަކު ނަންނޯޓު ކޮށްފައިވާ ކައުންސިލްގެ އިދާރާއަކުން ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ