ފުވައްމުލަކު ނައިބު ތުއްތު ހިނގުމުގައި ތާރު އަޅަން ފަށައިފި

ފުވައްމުލަކުގެ ނައިބު ތުއްތު މަގުގައި ތާރު އެޅުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އެމްޓީސީސީން ބުނީ ސަރުކާރުން އެކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަސައްކަތް ފެށުމުގެ ކުރިން، މަޝްރޫއުގެ ޑިޒައިނަށް ބަދަލުގެނެސް، މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޑިޒައިނަށް ގެނެވުނު މައިގަނޑު ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އަޅައި ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލުކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕްލޭނިން މިނިސްޓްރީގެ މަޝްވަރާއާއެކު އެގްރިގޭޓް ބޭސް ކޯސް މެޓީރިއަލް ބޭނުންކޮށްގެން މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމީ، އެފަދަ މަޝްރޫއުތައް މީގެ ކުރިން ހިންގުމުގައި ލިބުނު ތަޖުރިބާއަށް ބަލައި މަޝްރޫއުތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަގުސަދުގައި ކަމަށް އެމްޓީސީސީން ބުނެއެވެ.
ފުވައްމުލަކުގެ ނައިބު ތުއްތު ހިނގުމުގެ މަގު ހެދުމުގެ މަސައްކަތް އެކުންފުނިން ފަށާފައިވާއިރު، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ.
ފުވައްމުލަކު ނައިބު ތުއްތު ހިނގުން ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ސޮއިކުރީ މިއަހަރުގެ މާޗު މަހުގެ 27 ގައެވެ. އެ މަޝްރޫއުގެ ދަށުން 24،300 ސްކެއާ މީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމް ގާއިމު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ 32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ