ދެވަނަ ބުރުގައި ގާސިމަށް ބައިއަތު ހިފަން ތައްޔާރު: ޔާމީން

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ފުރަތަމަ ބުރުން ކާމިޔާބު ނުވެ، ދެވަނަ ބުރަށް ދާ ދެ ޕާޓީއަކީ އެމްޑީޕީ އާއި ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ކަމަށްވާ ނަމަ ގާސިމަށް ބައިއަތު ހިފާނަން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމުން ރިޔާސީ ކެންޑިޑޭޓުންނާ އެކު ގެނެސްދޭ ޕްރޮގްރާމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އޭނާ އާއި ގާސިމްއާ ދޭތެރޭ އެއްވެސް ޒާތީ މައްސަލައެއް ނޫޅޭ ކަމަށެވެ. ޕީޕީއެމްގެ ސިޔާސަތުތައް ބިނާވެފައި ވަނީ ވިޔަފާރިތައް ކުރިއަރުވާ، އިގްތިސާދު ރަނގަޅުކުރުމަށް ކަމަށާއި ގާސިމް ފަދަ ވިޔަފާރިވެރިންނަށް ޕީޕީއެމްގެ ސަރުކާރެއްގައި ފުރުސަތު އޮންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. "މިވަގުތު އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެމްޑީޕީގެ ތިން އަހަރުގެ ސިޔާސަތުތައް ތަންފީޒުވެގެން ދިޔައިމަ އަޅުގަނޑުމެން ގަބޫލެއް ނުކުރަން ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާނެ ކަމަކަށް އެމްޑީޕީ ވާނެ ކަމަކަށް. އަޅުގަނޑުމެން ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ޕީޕީއެމް ނުގޮސް ގާސިމް ވަޑައިގެންފަ، ނޫނީ ޖޭޕީ ގޮއްސަ، ދެވަނަ ބުރަށް ދާ އަނެއް ޕާޓީއަކީ އެމްޑީޕީ ކަމަށް ވަންޏާ ދިވެހި ރައްޔިތުން ޝައްކަކާނުލާ ގަބޫލުކުރައްވާ އަޅުގަނޑުމެން ގާސިމާ އެކީ މަސައްކަތްކުރާ ނަން،" އޭނާ ވިދާޅުވި އެވެ.ނަމަވެސް، ޔާމީން ވިދާޅުވީ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ އުއްމީދު ކުރައްވަނީ ސައްހަ މެމްބަރުން
އެންމެ ގިނަ ޕާޓީއަކީ ޕީޕީއެމް ކަމަށް ވާތީ ކަމަށާއި މިދިޔަ ދުވަސްތަކުގެ ތެރޭގައި ބޭއްވި ތަފާތު 20 އިންތިހާބުގެ ތެރެއިން 17
އިންތިހާބު ޕީޕީއެމުން ކާމިޔާބު ކޮށްފައިވާތީ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގައި ޕީޕީއެމުން ކަންތައް ކޮށްފައިވަނީ ކުދި ޕާޓީތަކުން ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހޭ ގޮތަށް ކަމަށް ޔާމީން ފާހަގަކުރެއްވި އެވެ. ނަމަވެސް، 10،000 މެމްބަރުން ޕާޓީތަކުގައި ހަމަވުމަށް ޕީޕީއެމުން ތާއީދު ކުރީ އެއީ ރާއްޖެއަށް ރަނގަޅު އަދަދެއް ކަމުގައި ގަބޫލުކުރެވޭތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި ބައެއް ސިޔާސީ ބޭފުޅުންގެ ވިސްނުން ހުރި ގޮތުން އެބޭފުޅުންނަށް ކުރިން ގަބޫލުކުރެއްވުނީ ރައީސް މުހައްމަދު ވަހީދާ ގުޅިގެން މަސައްކަތްކޮށްފި ނަމަ އެއްވަނަ ބުރުން ރައީސް ވަހީދަށް އިންތިހާބު ކާމިޔާބު ކުރެއްވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ވަހީދާ ކޯލިޝަން ހަދަން އެބޭފުޅުން ނިންމެވީ އެސަބަބަށްޓަކައި ކަމަށެވެ."ތެދުތެދަށް ދަންނަވާ ކަމަށް ވަންޏާ ސިޔާސީ ގޮތުން ބުރަދަން ހުރި މާގިނަ
ޕާޓީތަކެއް ނޫޅެ. ކުދިކުދި ޕާޓީތަކެއް މިއުޅެނީ. މައިގަނޑު ޕާޓީތަކެއްގެ
ގޮތުގައި މިއުޅެނީ ހަތަރު، ފަސް ޕާޓީއެއް. މިހާރު ހުރިވަރުން އެހުރީ
ކޯލިޝަންތައް ހެދިފައި. އަނެއްކާ ވެސް މި ކޯލިޝަންތައް ރޫޅިގެން ނޫނިއްޔާ
އެހެން ގޮތަކަށް މި ބަދަލުވެގެން ދާނެ ހެނެއް ހިއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ. އެކި ދާއިރާތަކުން އަމާޒުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމިން ވިދާޅުވި ގޮތުގައި އޭނާއަކީ މަރަށް މަރު ހިފަން ކުރިން ވަކާލާތު ކުރެއްވި ބޭފުޅެއް ނޫނެވެ. ނަމަވެސް، ޝަރުއީ އުސޫލުތަކުގެ މަތިން ސާބިތުވެއްޖެ ނަމަ، ދިވެހިން ގަތުލުކުރަމުންދާ ކުރުން ހުއްޓުވުމަށް "އަޅުގަނޑު ވެސް މިހާރު ގަބޫލުކުރަން މަރަށް މަރު ހިފުމަކީ ދިވެހިރާއްޖޭގައި ކުރަންވެއްޖެ ކަމެއް ކަމަށް،" އޭނާ ވިދާޅުވި އެވެ. ޔާމީން ވަނީ މިރޭ ވެސް އޭނާ ކުރިން ވެވަޑައިގެންފައިވާ ވައުދުތައް ތަކުރާރު ކުރައްވާފަ އެވެ. އޭގެ  ތެރޭގައި ތައުލީމީ ދާއިރާގައި ސިވިކް އެޑިޔުކޭޝަން ޕްރޮގްރާމްތައް ތައާރަފްކުރުމާއި "ޒުވާން ވިޔަފާރިވެރިޔާ" އާއި "ޒުވާން މަސްވެރިޔާ" އުފެއްދުމުގެ އިތުރުން އިގްތިސާދު ރަނގަޅުކުރުމުގެ ވައުދުތައް ފާހަގަކުރެއްވި އެވެ.  ޔާމީން ވިދާޅުވި ގޮތުގައި ފުރުސަތު ލިބެން އޮތް އެންމެ ފުޅާ މިނެއްގައި ރާއްޖޭގެ ރަށްރަށަށް ދަތުރު ކުރައްވާނެ ކަމަށެވެ. އަދި އެދަތުރު ތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވީ އެންމެ ބޮޑަށް ބައިވެރިވަޑައިގަންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ