މަސްތުވާތަކެތި ފޮރުވަން ކުޑަކުއްޖެއްގެ ނެފީ ތެރެއަށް ލައިފި

އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ނެފީ ތެރެއަށް ލައި ފޮރުވި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެ އެ މައްސަލައާ ގުޅިގެން އިއްޔެ ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓަރު ހަސަން ހަނީފް މިއަދު ވިދާޅުވީ މަސްތުވާތަކެތި ފޮރުވާފައި ވަނީ ކުޑަކުއްޖާ ޖަހާފައި ހުރި ނެފީ ތެރޭގައި ކަމަށެވެ. އެ ނެފީ ތެރެއިން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ 32 ޕެކެޓް ފޮރުވާފައި އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މަސްތުވާތަކެތި ފެނުނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، މ. ފާން ގައި ކުއްޔަށް ދިރިއުޅޭ ބައެއްގެ އަތުންނެވެ. އެ ތުއްތު ކުއްޖާއަކީ އެ ގޭގައި ކުއްޔަށް ދިރިއުޅޭ މީހެއްގެ ދަރިފުޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުސް އޮފީހުން ބުނިގޮތުގައި ތުއްތު ކުއްޖާގެ ނެފީގެ އިތުރުން އެ ގޭގެ ސިޓިންރޫމުގައި ހުރި ބޫޓެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 32 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ އަންހެނެއްގެ އިތުރުން 16 އަހަރުގެ އަންހެން ކުއްޖެކެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ