ސަރުކާރުގެ ކޮންޓްރޯލްނެތް ހަތިޔާރު އެޅި ޖަމާއަތްތައް އުވާލަން ލީބިޔާއިން ނިންމައިފި

ޓްރިޕޮލީ (ސެޕްޓެމްބަރ 23) : ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލުމުގައި ބައިވެރިވި ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ތެރޭން ދައުލަތުގެ އަމްނާބެހޭ މުއައްސަސާތަކުގެ ކޮންޓްރޯލްގެ ދަށުގައިނެތް ޖަމާއަތްތައް ޙަރަކާތްތެރިވުން މަނާކޮށް އެއީ ޣައިރު ޤާނޫނީ ޖަމާއަތްތަކެއް ކަމަށް ލިބިޔާ ސަރުކާރުން ނިންމައިފިއެވެ.
ލީބިޔާގެ ވެރިކަމުގެ އެންމެ އިސްމަޤާމުގައި މިހާރު ހުންނެވި އެޤައުމުގެ ޕާލަމެންޓްގެ ރައީސް މުޙައްމަދުލްމިޤަރީފް ވިދާޅުވީ ލީބިޔާގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ތެރޭން ދައުލަތުގެ އަމްނާބެހޭ މުއައްސަސާތަކުގެ ކޮންޓްރޯލްގެ ދަށުގައިނެތް ޖަމާއަތްތައް އުވާލައި އެއީ ޣައިރު ޤާނޫނީ ޖަމާއަތްތަކެއް ކަމަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ. ލީބިޔާ ސަރުކާރުން މިނިންމުން ނިންމާފައިވަނީ ސަރުކާރުގެ ކޮންޓްރޯލްނެތި ލީބިޔާގެ ހަތިޔާރު އެޅި ޖަމާއަތްތަކުން އެޖަމާއަތްތަކަށް ފެންނަ އަދި އެޖަމާއަތްތަކުގެ މަސްލަހަތާއެއްގޮތަށް ލިބިޔާގައި ޙަރަކާތްތެރިވެ އެކަމުގެ އުނދަގޫ ރައްޔިތުންނަށް ބޮޑުވުމުން ލިބިޔާގެ ދެވަނަ ސިޓީ ކަމަށްވާ ބެންޣާޒީގެ ރައްޔިތުން އިއްޔެ މިޖަމާއަތްތަކާ ދެކޮޅަށް ތެދުވުމާގުޅިގެން ހިނގި ކުރިމަތިލުންތަކުގައި 18 ވަރަކަށް މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވުމާގުޅިގެންނެވެ.
ބެންގާޒީގެ ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބަޔަކު އިއްޔެ އަރައިގެންފައިވަނީ ހަތިޔާރުއެޅި ޖަމާއަތެއްކަމަށްވާ އަންސާރުއްޝަރީޢާ ޖަމާއަތުގެ ހެޑްކުއާޓަރަށެވެ. ރައްޔިތުން މިޖަމާއަތުގެ ހެޑްކުއާޓަރަށް އަރައިގަތީ ސަރުކާރުގެ ސަލާމަތީ ބާރުތަކުގެ ވެސް އެހިއާއެކުގައެވެ. ދެފަރާތުގެ ކުރިމަތިލުންތަކުގައި މިޖަމާއަތުގެ މަރުކަޒު އަންދާލުމުގެ އިތުރުން ލީބިޔާގެ ސަލާމަތީބާރުތަކުގެ ބައެއް މީހުންނާއި އާންމުންގެ އިތުރުން މިޖަމާއަތުގެ ހަނގުރާމަވެރިންނާއެކު ޖުމްލަ 18 މީހަކު އިއްޔެ މަރުވެ އެތަށް ބަޔަކު ޒަޚަމްވިއެވެ. ރައްޔިތުން އަރައިގަތުމާއެކު ހިނގި ކުރިމަތިލުންތަކަށްފަހު އަންސާރުއްޝަރީޢާ ޖަމާއަތުގެ ހަނގުރާމަވެރިންގެ އެއްބަޔަކު ހައްޔަރު ކުރެވުނު ނަމަވެސް އަނެއްބަޔަކުވަނީ ފިލާފައި ކަމަށް ލީބިޔާގެ ސަލާމަތީ ފަރާތްތަކުން ބުނެއެވެ.
އަންސާރުއްޝަރީޢާއަކީ އަލްޤާއިދާއާ ގުޅިފައިވާ ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމެރިކާގައި ކުޅުނު ފިލްމާ ދެކޮޅަށް ލިބިޔާގެ ރައްޔިތުން ކުރި އިޙްތިޖާޖްތައް ހަމަނުޖެހުންތަކަކަށް ބަދަލުކޮށް ބެންގާޒީގައި ހުރި އެމެރިކާގެ ކޮންސިއުލޭޓް އަންދާލައި އެމެރިކާގެ ސަފީރާއި އިތުރު ތިން ޑިޕްލޮމޭޓުން މަރާލުމުގެ ފަހަތުގައިވަނީ މިޖަމާއަތްކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް މިޖަމާއަތުން މިކަން ދޮގުކުރެއެވެ. -- އަލްޖަޒީރާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ