ތޮއްޖެހިފައިވާ ތަންތަނުގައި އުޅޭ ބިދޭސީން ބަދަލުކުރަނީ

ތަފާތު ބަލިތައް ފަސޭހައިން ފެތުރޭ ގޮތަށް، ތޮއްޖެހިފައިވާ ތަންތަނުގައި މިހާރު އުޅެމުންދާ ބިދޭސީން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބޭއްވި މީޑިއާ ބްރީފިންގައި ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، އެ ކަމާ ގުޅޭ މަސައްކަތްތަކެއް އިކޮނޮމިކް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، ތޮއްޖެހިފައިވާ ގެ ތަކުން އެ އަށް ވުރެ ރަނގަޅު ތަންތަނަށް ގެންދާ ބިދޭސީންގެ އަދަދާއި އެ ތަންތަނުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ.
"މާ ގިނަ ދުވަހެއް ނުވެ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ތަފްސީލްތައް،" ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް ވިދާޅުވި އެވެ.
މިރޭގެ މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ސަރުކާރުން ވަނީ މާލޭގައި ބިދޭސީން އުޅޭ ތަންތަނުގެ ހާލަތު އޮޅުން ފިލުވުމުގެ ސާވޭއެއް ވަރަށް ފަހުން ކޮށްފަ އެވެ. އެ ސާވޭގެ މައުލޫމާތު އަދި ހާމައެއް ނުކުރެ އެވެ.
ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މީހުން ކަމަށް ވާއިރު، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރޭގައި ވެސް ގިނައީ އެ މީހުންނެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން އަނބުރާ އެ ގައުމަށް ގެންދިއުމުގެ އެހީތެރިކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވަނީ ބަންގްލަދޭޝްގެ ސަރުކާރުގައި އެދިވަޑައިގެންފަ އެވެ. އެ ގައުމުގެ ފޮރިން މިނިސްޓަރާ މިއަދު ފޯނުން ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިއްޖެ ނަމަ، އެ އެ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވާނެ އެއް ބަޔަކީ ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝްގެ މީހުން ގައުމަށް ގެންދިއުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ވިދާޅުވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ސަރުކާރުގެ ޚަރަދުގައި ފޮނުވަން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެ އެވެ. އަދި އެކަމަށް އެދި 300 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކޮށްފައިވާ ކަމަށް މަބްރޫކް މިރޭ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ