ރައީސް ނަޝީދު ވޯޓު ލައްވައިފި

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ލޯކަލް ކައުންސިލް އިންތިހާބަށް ވޯޓު ލައްވައިފިއެވެ.
ރައީސް ނަޝީދު ވޯޓު ލައްވާފައި ވަނީ ގަލޮޅު ދަނޑުގައި ހުންނަ ފޮއްޓަށެވެ.
ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް މި އިންތިހާބުގެ ވޯޓު ކާމިޔާބު ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މި އިންތިހާބުގައި ރާއްޖޭގެ ވޯޓުލެވޭ އާބާދީގެ 65 ޕަސެންޓް ނުވަތަ 70 ޕަސެންޓް މީހުން ވޯޓު ލާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކަންކަން ހާސިލް ކުރުމަށާއި އަދި ގައުމެއް ބިނާ ކުރުމުގެ ހިއސާއަކަށް ވުމަށް ތަކައި ރައްޔިތުންގެ މަސްއޫލިއްޔަތު އަދާ ކުރަން ޖެހޭ ކަމަށާއި އަދި ވޯޓު ލުމަކީ ކޮންމެ ރައްޔިތެއްގެ ޒިންމާއެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވީޓު ލައްވާފައި ވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއަދު ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށް ދާއިރު ހެނދުނުގެ ވަގުތު ވޯޓުގެ ކަންކަން ކުރިއަށް ދާ ގޮތް ބައްލަވާ ލެއްވުމަށް ރައީސް ނަޝީދު ވަނީ މާލޭގެ އެކި ސަރަހައްދަށް ވަޑައިގެންފައެވެ.
މި އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން، އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ 4 ކެންޑިޑޭޓުން އަދި ޑީއާރުޕީ 1 ކެންޑިޑޭޓް ވާދަކުރާނެއެވެ. އަމިއްލަ ގޮތުން 609 ކެންޑިޑޭޓަކު ބައިވެރިވިއެވެ.
އެމްޑީޕީން 826 ކެންޑިޑޭޓުން މި އިންތިހާބުގައި ކުރިމަތިލާފައިވާއިރު، މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަނީ އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރެވެ. މީގެ އިތުރުން މާލެ ސިޓީގެ މޭޔަރުކަމަށް ވާދަ ކުރައްވަނީ ޕީޕީއެމްގެ ފަރާތުން ކުރީ ސަރުކާރުގެ ހައުސިން މިނިސްޓަރު މަގާމު ފުރުއްވި ޑރ. މުހައްމަދު މުއިއްޒު އަދި އަމިއްލަ ގޮތުން ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީއެވެ.
މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ