ބޮލީވުޑްގެ ބޮޑު ހަނގުރާމައެއް: ކަރަންގެ ފިލްމުތަކުން ކާރްތިކް ބޭން ކޮށްފި

2019 ވަނަ އަހަރު ޝޫޓު ކުރަން ފަށާފައިވާ "ދޯސްތާނާ 2" ގެ ލީޑް ރޯލު ކުޅެމުންދިޔަ ކާރްތިކް އާރްޔާން އެ ފިލްމުން ބޭރުކޮށް ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ޕްރޮޑަކްޝަން ހައުސް ދަރްމާ ޕްރޮޑަކްޝަންގެ ހުރިހާ ފިލްމަކުން އޭނާ ބޭން ކޮށްފި އެވެ.
"ދޯސްތާނާ 2" ގެ މަސައްކަތްތައް ފެށީއްސުރެއް ކާރްތިކް ގަޔާ ނުވާ ކަންތައްތަކެއް ފިލްމުގެ ސްކްރިޕްޓުގައި ހުރިކަމަށްބުނެ ކާރްތިކް ވަނީ ޝޫޓިންތަކަށް ބުރޫ އަރުވައިފަ އެވެ. 2019 ވަނަ އަހަރު ފިލްމު ޝޫޓުކުރަމުން ދިޔައިރު ކާރްތިކްގެ މައްސަލަތައް ތަކުރާރުވަމުން ދިޔުމުން އެކަން ދަރްމާއިން ފާހަގަ ކުރި އެވެ. އޭގެ ފަހުން ކޮވިޑް-19 ގެ ސަބަބުން ފިލްމުގެ މަސައްކަތްތައް ހުއްޓިފައި އޮތުމަށްފަހު ދެވަނަ ޝެޑިއުލް ފަށަން ތައްޔާރުވިއިރުވެސް ކާރްތިކްގެ މައްސަލަތަކެއް ސްކްރިޕްޓާއި ދޭތެރޭ ހުރިކަމަށް ރިޕޯޓުތައް ބުންޏެވެ.
ދަރްމާ ޕްރޮޑަކްޝަންއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދޯސްތާނާ 2 ގެ ކާސްޓުން އަލުން ނަގަން ނިންމާފައިވާކަމަށާއި ވަރަށް އަވަހަށް ރަސްމީ އިއުލާނެއް ނެރޭނެ ކަމަށެވެ. އެހެންނަމަވެސް ކާރްތިކް ބޭރު ކުރިކަން ރަސްމީކޮށް އެ ޕްރޮޑަކްޝަނުން އިއުލާން ކޮށްފައެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ކާރްތިކްގެ އިތުރުން ފިލްމުގެ ބަތަލާ ޖާންވީ ކަޕޫރާއިވެސް މައްސަލަތަކެއް ޖެހުނެވެ. އެހެންނަމަވެސް ޖާންވީ ފިލްމުން ބޭރުކުރި ކަމެއް މުޅިން ކަށަވަރެއް ނުވެ އެވެ. މި ދެތަރިންގެ އިތުރުން ދެން ފިލްމުން ފެންނާނީ އާ މޫނެއް ކަމަށްވާ ލަކްޝަޔަ އެވެ.
ކާރްތިކްއަށް ދަރްމާގެ އެހެން ފިލްމެއްވެސް އޮފާ ކޮށްފައި ވެއެވެ. އެއީ ކްރިކެޓު ކުޅުންތެރިއެއްގެ ރޯލުން ކާރްތިކް ފެންނަ ފިލްމެކެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ފިލްމުވެސް ކާރްތިކް އަތުން މިހާރު ވަނީ އަތުލައިފަ އެވެ.
ކާރްތިކްއާއި އެކު ދަރްމާއިން ޖެހިގެން އުޅޭ މި މައްސަލައިގެ ސަބަބުން ބޮލީވުޑްގެ "ނެޕޮޓިޒަމް" ހަނގުރާމަ އަނެއްކާވެސް މިވަނީ ފެށިފަ އެވެ. މިދިޔަ އަހަރު އަމިއްލައަށް މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖުޕޫތު މަރުވުމުގެ ކުރިންވެސް ދަރްމާއާއިއެކު މައްސަލަތަކެއް ޖެހުނެވެ. އޭނާ އަމިއްލައަށް މަރުވީ ކަރަން އާއި ދަރްމާގެ ފަރާތުން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުންކަމަށްވެސް ވާހަކަ ދެކެވުނެވެ.
ކަރަން އަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ނުފޫޒު ގަދަ އެއް ޕްރޮޑިއުސަރެވެ. ދަރްމާއިން އަންނަނީ މަޝްހޫރު އެކި ޑައިރެކްޓަރުންގެ ފިލްމުތަކަށްވެސް ފަންޑު ކުރަމުންނެވެ. އެގޮތުން ރޯހިތު ޝެއްޓީގެ ފިލްމުތަކަށް ދަރްމާއިން ފަންޑު ކުރަން ފަށާފައިވާއިރު ޝާހުރުކް ހާންގެ ރެޑް ޗިލީސް ޕްރޮޑަކްޝަންއާއިއެކުވެސް ދަރްމާއިން އަންނަނީ ފިލްމު އުފައްދަމުންނެވެ. ދަރްމާއާއިއެކު ޖެހުނު މި މައްސަލައިގެ ސަބަބުން ކާރްތިކް އަށް މުހިންމު ގިނަ ޕްރޮޖެކްޓުތަކެއް ގެއްލިގެން ދާނެކަމަށް ބެލެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ