އެމްޑީޕީގެ މެމްބަރުން ދައްކާ ވާހަކަތަކަަށް ރައްޔިތުން ނޫނެކޭ ބުނެފި: ޝިޔާމް

ރައްޔިތުންނަށް ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ރީތި ވާހަކަތައް މަޖިލީހުގެ 65 މެމްބަރުން ކިތަންމެ ހަރު އަޑުން ދެއްކެވިޔަސް އެ ވާހަކަތަކުގައި ރައްޔިތުން މިއަދު ނުޖެހޭކަން ސާބިތުވެއްޖެ ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަަމުން މެމްބަރު ޝިޔާމް ވަނީ ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުންގެ ބަސް ސަރުކާރަށް އިއްވައިފިކަން ހާމަކުރައްވާ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ޝިޔާމް ވިދާޅުވީ ރައްޔިތުންނަށް ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ރީތި ވާހަކަތައް މަޖިލީހުގެ 65 މެމްބަރުން ކިތަންމެ ހަރު އަޑުން ދެއްކެވިޔަސް އެ ވާހަކަތަކުގައި ރައްޔިތުން މިއަދު ނުޖެހޭކަން ސާބިތުވެއްޖެ ކަމަށާއި ރައްޔިތުންނަށް ވީ ވައުދު ނުފުއްދުނީމަ އެކަންކަމުން ރެކިވަޑައިގަތުމަށް މެމްބަރުން މަސައްކަތްކުރައްވާ ކަމަށެވެ.
މިވެރިކަމަކީ އެމްޑީޕީގެ ސިޔާސަތުތަކަކާއެކު އައި ވެރިކަމެއް ކަމަށާއި އެކަން އެމްޑީޕީގެ ވެރިކަން ގެނައުމަށް ވޯޓުލީ މީހުންނަށް އެނގޭނެ ކަމަށްވެސް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރުން ނާގާބިލު ވެއްޖެނަމަ ކަންކުރަންޖެހޭ ގޮތް އޮތީ ވަރަށް ސާފުކޮށް ބަޔާންކޮށްފައިކަން ފާހަގަކުރައްވާ މެމްބަރު ޝިޔާމް ވިދާޅުވީ ރައްޔިތުން ތިބީ އުންމީދުތަކެއްގައި ކަމަށާއި ރަށްރަށުގައި ހުރި ތަރައްގީގެ މަޝްރޫޢުތައް ނުހިނގާ އެއް ސަބަބަކީ މަޖިލީހުގައި ތިއްބެވި 65 މެމްބަރު ކަމަށެވެ.
ރަމްޟާން މަހަަށް ކިންގް ސަލްމާން މިސްކިތުގެ ބޭނުން ނުރަސްމީކޮށްނަމަވެސް އާންމުންނަށް ބޭނުންކުރެވޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވި ނަމަވެސް އެކަން އެގޮތަށް ނުވުމާއި ގުޅިގެންވެސް މެމްބަރު ޝިޔާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން މާލެ ސަރަހައްދުގެ ރައްޔިތުން ތިބީ މި ރޯދަ މަހުގައި ކިންގް ސަލްމާން މިސްކިތުގައި ނަމާދު ކުރެވޭނެ ކަމުގެ އުންމީދުގައި ކަމަށާއި އެހެންނަމަވެސް ސަރުކާރަށް 3 އަހަރުވާން ގާތްވެފަވާއިރުވެސް އެ މިސްކިތް ހުޅުވާލަން ސަރުކާރަށް ނުކެރުނު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އަދި މިހާރު ފެނިގެންމިދަނީ މިފަދަ ކަންކަމާއި ދޭތެރޭ ރައްޔިތުން ބަސް ބުނަމުންދާތަން ކަމަށާއި މިކަންކަން ރަނގަޅު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކިބައިން މެމްބަރު ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ