ނަޝީދަށް ދިން ހަމަލާ: ތުހުމަތުވާ ތިން މީހަކު ދޫކޮށްލައިފި

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާއާ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކު މިއަދު ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރަކުން ދޫކޮށްލާފައި ވަނީ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެކެވެ. އެ ތިން މީހުންގެ މައްޗަށް ފަހުން ހަމަލާގެ ތުހުމަތު ކުރެވޭތީ، އެކަމުގެ ތަހުގީގު ފެށީއެވެ.
ފަހުމީ އަލީ އާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ މި ތިން މީހުން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.
ހަމަލާގެ ތަހުގީގާ ގުޅޭ ގޮތުން އެންމެ ފަހުން އާންމުކުރި މައުލޫމާތަކީ ހަމަލާއާ ގުޅުން ހުރި އަށް މީހެއް ފުލުހުންގެ ތަހުގީގަށް ފާހަގަ ކުރެވިފައިވާ ކަމެވެ.
އެއީ، ފުލުހުން މީގެކުރިން ވަނަވަރު ހާމަކޮށްފައިވާ ފަސް މީހުންނާއި މިއަދު ދޫކޮށްލި ތިން މީހުންނެވެ.
ފުލުހުން ވަނަވަރު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެއެވެ. މި ހަތަރު މީހުންގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ.
އެމީހުން ތިބީ ބަންދުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ