ޕީޕީއެމްއާއެކު ޝަހީމް މާލެ ގެތަކަށް!

ރައީސް އަބްދުﷲ ޔާމީންގެ އަބްދުލް ގައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާއެކު ޕީޕީއެމްއިން މާލޭ ގެތަކުގެ ދޮރުން ދޮރަށް ކެމްޕެއިން ކުރަން ފަށައިފި އެވެ.
ޕީޕީއެން މާލޭގައި މިއަދު ކުރިޔަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިންގައި ޝަހީމްއާއެކު ވަޒީރުންނާއި މަޖިލީސް މެންބަރުން އަދި ޕީޕީއެމްގެ ސިޔާސީ މަގާމްތަކުގައި ތިއްބަވާ ގިނަ ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އާއި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް އަދި ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އާއި ފިނޭންސް މިނިސްތަރު އަހުމަދު މުނައްވަރު ވެސް ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަތެވެ.
ކެމްޕެއިން ފެށުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ މިއަދު ދޮރުން ދޮރަށް ކެމްޕެއިން ފެށުމަށް އިސް ނެންގެވީ ހުރިހާ ވަޒީރުންނާއި މަޖިލީސް މެންބަރުން ކަމަށާއި ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންއަށް ތާއީދު ހޯދުމަށް އެ ބޭފުޅުންނާއެކު މާލޭގެ ގެތަކަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބޭ ތާއީދު އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
"އިރާދަކުރެއްވީއާ ވަރަށް އުންމީދު ބޮޑު، ރާއްޔިތުންގެ ތާއީދު ވަރަށް ބޮޑަށް އިތުރުވަމުން ދަނީ އަދި މި ޑޯޓުޑޯ ޕްރޮގްރާމުގައި ހުރިހާ މަޖިލީސް މެންބަރުންނަށާއި ވަޒީރުންނަށް އެއްބާރުލުން ދެއްވުމަށް އެންމެހާ ރައްޔިތުން ކިބައިން އަޅުގަނޑު އެދެން،" ޝަހީމް ވިދާޅުވި އެވެ.
ޕީޕީއެމް އިން ރަސްމީކޮށް މާލޭގެ ގެތަކަށް ދޮރުން ދޮރަށް ދާން މިއަދު ފެށި ނަމަވެސް މި އަހަރު ކުރީކޮޅުން ފެށިގެން އެ ޕާޓީގެ ގްރޫޕްތަކުން މާލޭގެ ގެތަކަށް ގޮސް ކެމްޕެއިން ހަރަކާތްތައް ކުރިޔަށް ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ