ހުޅުމާލޭގައި ރިއަލްއެސްޓޭޓް ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވައިލަނީ

ހުޅުމާލޭގައި ފުލެޓް އިމާރާތްކޮށް އެފުލެޓްތައް ކުއްޔަށް ދީގެން ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވާލުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެކޯޕަރޭޝަންގެ ޗެއާމަން އަލީ ޝަރީފް ވިދާޅުވީ ހުޅުމާލޭގައި ފުލެޓް އިމާރާތްކޮށް އެ ފުލެޓްތައް ކުއްޔަށް ދީގެން ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެގޮތަށް އިމާރާތްކުރުމަށް ދޫކުރާނީ ކިތައް ބުލޮކް ކަމެއް ނުނިންމާ ކަމަށާއި ލަފާ ކުރެވެނީ 70 ވަރަކަށް އެޕާޓަމަންޓް ހުންނަ 10 ވަރަކަށް ބުލޮކް އެގޮތަށް ދޫކުރެވޭނެ ކަމަށް ކަމަށެވެ.
"އަޅުގަނޑުމެން ގަސްތު މިކުރަނީ 60 އާއި 70 އެޕާޓްމެންޓް ބުލޮކެއްގައި ހުންނަވަރުގެ 10 ބުލޮކް ޑިވެލޮޕް ކުރާން ހުޅުވާލުމަށް، ދެން މި ޑިލެވޮޕްމެންޓް ކުރިއަށް ދާނީ ރާއްޖޭގެ ކުންފުނިތަކަށް ހުޅުވައިލެވިގެން" ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ތަރައްގީ ކުރާން ހުޅުވާލާނީ ކިތައް ބުލޮކް ކަމެއް އަދި ނުނިންމާ ކަމަށާއި އެ ގޮތެއް ނިންމާނީ ބެންކްތަކާ ވާހަކަ ދެއްކުމަށް ފަހު އެ ފަރާތްތަކަށް ވެސް ފައިނޭންސް ކުރެވޭ މިންވަރެއް ބެލުމަށް ފަހުގައި ކަމަށެވެ. ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފް ވިދާޅުވީ އެ ފަރާތުގެ ވިސްނުން ހުރީ އެ ބުލޮކްތައް ތަރައްގީކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހި އެކިއެކި ކުންފުނިތަކަށް ހުޅުވައިލުމަށް ކަމަށާއި އެ ކަންކަމުގެ ތަފްސީލް ވަރަށް އަވަހަށް އިއުލާން ކުރާނޭ ކަމަށެވެ.
އެ ކޯޕަރޭޝަންގެ މެނޭޖިން ޑައިރެކްޓަރު ޝުހެއިލް އަހުމަދު ވިދާޅުވީ އެކޯޕަރޭޝަންގެ ވިސްނުން ހުރީ އެ ބުލޮކުތައް ތަރައްގީ ކުރުމުގެ މަސައްކަތް ބިޑް އުސޫލުން ކުރިއަށް ނުގެންގޮސް ޕުރޮޕޯސަލް ބޭސިސް އުސޫލުން ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލި އަޅުވައިލައި ޝުހެއިލް ވިދާޅުވީ 16 ރޯހައުސްއެއް ވިއްކުމަށް އިއުލާން ކުރުމާ އެކު ހަތަރު ފަރާތަކުން އެއްފަހަރާ ފައިސާ ދައްކާފައިވާ ކަމަށާއި އަދި 12 ރޯހައުސްއަކަށް އެދި 180 ފަރާތަކުން ކުރިމަތި ލައިފައި ވާ ކަމަށެވެ. އަދި ހުޅުމާލޭގައި 1،000 އަށް ވުރެ ގިނަ ފުލެޓް އެޅުމަށް ތުރުކީގެ ބޯރާ އިންސާތު ސަނާއީ ވެ ތިކަރެތް ލިމިޓެޑް ސިރިކެތިއާ ހަވާލުކޮށްފައިވާ މަސައްކަތް އެފަރާތުން ނުފެށި ލަސްވެފައިވާތީ އެކުންފުއްޏާއެކު ވާހަކަ ދައްކަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ