ބަޖެޓްގައި ޑެފިސިޓް ފޫބައްދަން ހުށަހަޅާފައިވަނީ ޑޮމެސްޓިކް މާކެޓުން 986 މިލިއަން ރުފިޔާ ހޯދައިގެން: އެމްއެމްއޭ

ފިނޭންސް މިނިސްޓްރީން މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ، ސަޕްލިމެންޓްރީ ބަޖެޓްގައި ޑެފިސިޓް ފައިނޭންސް ކުރުމަށް ހުށަހަޅާފައިވަނީ ޑޮމެސްޓިކް މާކެޓުން 986 މިލިއަން ރުފިޔާ ހޯދައިގެން ކަމަށާއި އެކަަމަށް ފައިސާ އެބަހުރި ކަމަށް އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި 1.7 ބިލިއަން ރުފިޔާގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ވަޑައިގެން މައުލޫމާތުދެއްވަމުން ޑެޕިއުޓީ ގަވަރުނަރު ވިދާޅުވީ، ވިޔަފާރި ބޭންކުތަކުން ޓްރެޝަރީބިލާއި ބޮންޑް ފަދަ ތަކެތީގައި އިންވެސްޓް ކުރަނީ، އެ ބޭންކުތަކަށް އޮތް ރިސްކުތަކަށް ވަކިން ބަލައިގެން ކަމަށެވެ.
މިގޮތުން 2018 ވަނަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޓްރެޝަރީ ބިލްގައި ބޭންކުތަކުން އިންވެސްޓް ކޮށްފައިވާ އަދަދު ވަނީ 1.9 ބިލިއަން ރުފިޔާއިން އިތުރުވެފައި ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން ދައުލަތުގެ ބަޖެޓްގެ ޑެފިސިޓް ފޫބައްދަން ޑޮމެސްޓިކް މާކެޓުން، ފައިސާ ލިބޭނެ ކަމަށްވެސް ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ.
"ހާއްސަ ގޮތެއްގައި ބޭންކުތަކުން އިތުރަށް 986 މިލިޔަން ފުރިޔާގެ ފައިނޭންސް ހަމަޖެއްސުމަށް ބޭންކުތަކުގެ ރިސްކުތަކަށް ބަލާއިރު ދަތިތަކެއް ހުރެދާނެ. ނަމަވެސް އަޅުގަނޑުމެން ބަލާ ބެލުމުގައި މި ސްޕޭސް އެބައޮތް. ފައިސާ އެބަހުރި. އެއީ އެމްއެމްއޭގެ އޯވަނައިޓް ޑެޕޮސިޓް ފެސިލިޓީގައި ވެސް މިފައިސާ އިންވެސްޓް ކުރަމުން އެބަދޭ، އެހެންވީމާ ސްޕޭސް އެބައޮތޭ އަޅުގަނޑަށް ދެންނެވޭނީ،" ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ