ބަނގުރާ ވިއްކަން ހުއްދަދޭކަށް އެއްގޮތަކަށްވެސް ނުފެނޭ، އެފަދަ ވާހަކައެއް ނުދައްކަން: ނަޝީދު

މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކަން ހުއްދަދޭން އެއްގޮތަކަށްވެސް ފެނިވަޑައިނުގަންނަވާ ކަމަށާއި އަދި އެފަދަ ވާހަކައެއްވެސް ދައްކަވާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓް ހައުސްތަކުގައި ބަނގުރާ ވިއްކުމުގެ ވިޔަފާރި ކުރުމަކީ އިންތިހާއަށް މުއްސަނދިވާ ކަމެއް ކަމަށް ވިދާޅުވެ ރޭ އއ. ތޮއްޑޫގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ނަޝީދު ދެއްކެވި ވާހަކަފުޅު ދޮގުކުރައްވައި އެމަނިކުފާނު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެފަދަ ވާހަކައެއްވެސް ދައްކަވާފައި ނުވާނެ ކަމަށެވެ.
''ހިތާމައަކީ ދީން ސިޔާސީ ހަތިޔާރަކަށް ބޭނުންކޮށް، މިވާހަކަ މިގޮތަށް ފަތުރަނީ ރާއްޖޭގައި އެންމެ ގިނައިން ރާ ވިއްކާ ފަރާތްތަކާ ގުޅިގެންކަމުން'' ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަ ދެއްކެވީ އއ. ތޮއްްޑޫގައި ރޭ ބޭއްވި އެމްޑީޕީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
"އެންމެ ގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ސެންޓް، ދެން އެންމެގިނައިން ދުނިޔޭގައި ވިކޭ އެއްޗަކީ ޗޮކްލެޓާއި، ރަލާއި، ސިނގިރޭޓް، އަޅުގަނޑުމެންނަށް އިނގޭ މި އެއްޗެހިން ވިޔަފާރި ކުރީމާ އިންތިހާއަށް ފައިދާ ބޮޑުވާކަން މުއްސަނދިވާކަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ގެސްޓް ހައުސްގެ ވިޔަފާރިއަކީ ދިވެހި ރާއްޖޭގައި މާ ރަނގަޅަށް ހިންގޭނެ ވިޔަފާރިއެއް ކަމަށާއި، އެ ވިޔަފާރީން ފައިދާ ނެގޭނެކަން އެއީ އެނގެންއޮތް ހަގީގަތެއް ކަމަށެވެ.
"ކިރިޔާވެސް މި މައްސަލައާ ގުޅޭގޮތުން އަޅުގަނޑުމެން ވިސްނާލައިފިނަމަ އަބަދުވެސް އަޅުގަނޑު މެންނަށް އެނގޭ ހަގީގަތެއް. މިއަދު އެމްޑީޕީއަށް އުފާވެރިކަން ލިބޭ އެއް ސަބަބަކީ އިތުރު ބައެއްނޫން، ވޯލްޑް ބޭންކުގެ ދުނިޔޭގެ ބޭންކުގެ، އެބޭންކު ތަރައްގީގެ މިސާލެއްގެ ގޮތުގައި ދައްކާ އެއްރަށަކީ މާފުށި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އެވާހަކަތަކާ ގުޅީގެން ދީނީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން މިއަދު ވަނީ އެކަމާ ދެކޮޅަށް މީސް މީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރައްވައިފައެވެ. އަދި ގިނަ ބައެއްގެ ފާޑުކިޔުން ނަޝީދަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ