ޙިސާން ޙުސައިންގެ އަބުރު ކަތިލަން ކުރާ މަސައްކަތަކީ ފިނޑި ޢަމަލެއް: ރައީސް ނަޝީދު އަޅުގަނޑުގެ ފުރިހަމަ އިތުބާރު ޙިސާނަށް އެބައޮތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ބ. ތުޅާދޫ ދާއިރާއަށް ވާދަކުރައްވާ އަލްއުސްތާޒާ ޙިސާން ޙުސައިން ގެ އަބުރު ކަތިލުމަށް ބަޔަކު ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ވަރަށް ފިނޑި ދަށުދަރަޖައިގެ ޢަމަލެއް ކަމަށް އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މީގެ އަހަރުތަކެއް ކުރިން ޙިސާން ވަނީ ކުދިންތަކަށް އަނިޔާކޮށްފައި ކަމަށް ބުނެ އެ އަނިޔާ ލިބުނު ކުދިންތަކުގެ ތެރެއިން އެކަކު ކަމަށްބުނާ މީހަކު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފައިވާ ކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. އެ ކުދިންނަށް އަނިޔާކުރި ގޮތާއި އޭގެ ތަފްސީލާއި ހެކި ވެސް އެބަހުރި ކަމަށް ސިޓީގައި ލިޔެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ޙިސާން ވިދާޅުވެފައިވަނީ އޭނާ އާމެދު ކުރަމުންދަނީ ދޮގު ތުހުމަތެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ބަޔަކު ރާވައިގެން ހިންގާ އެންޓި ކެމްޕޭނެއް ކަމަށެވެ. އެކަމާ ހިތާމަ ކުރައްވާ ކަމަށާއި އެކަން ކުރައްވަނީ އެދާއިރާއަށް ކުރިމަތި ލައްވައިފައިވާ އެހެން ކެންޑިޑޭޓެއްގެ ޓީމުން ކަމަށް އޭނާ ވިދާޅުވިއެވެ.
 ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޙިސާނާމެދު ކޮށްފައިވާ ތުހުމަތެއް ކަމަށެވެ. "ޙިސާން ޙުސައިންގެ އަބުރު ނަގާލުމަށް ރޭވިގެން ހިންގާ ސިޔާސީ ޙަރަކާތަކީ ފިނޑި އަދި ދަށުދަރަޖައިގެ ޢަމަލުތަކެއް. އުސްތާޒާ ޙިސާން ޙުސައިނަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ޙިސާނާ ދެކޮޅަށް ރައީސަށް ފޮނުވައިފައިވާ ސިޓީގައި ވަނީ ޙިސާނާ މެދު ޢަމަލު ކުރަންވާނީ ތިނަދޫ އުތުރަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓު މުޣުނީއާމެދު ޢަމަލު ކުރެއްވި ގޮތަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ