ޖީ.ވައި.ޕީ.އޭ ޓްރެއިނިންގ ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު ހަމަޖައްސަވައިފި

ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް (ޖީ.ވައި.ޕީ.އޭ) ޓްރެއިނިންގ ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހަމަޖައްސަވައިފި ކަމަށް ރަފީ ޖަމިއްޔާ އިން ވިދާޅުވެއްޖެއެވެ.
މި ޓްރެއިނިންގ ޕްރޮގްރާމަކީ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އާއި ގުޅިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.
ޖީ.ވައި.ޕީ.އޭގެ ޝަރަފުވެރި މެހެމާނަކަށް ރައީސް ނަޝީދު ހަމަޖެހިގެން ދިޔުމާއި ގުޅިގެން ރަފީ ޖަމިއްޔާގެ ފައުންޑިންގ ޕްރެޒިޑެންޓް ޑރ.އައިޝަތު ރަފިއްޔާ ވިދާޅުވީ، ޤައުމީ ފެންވަރުގައާއި ދުނިޔޭގެ ފެންވަރުގައި ޕީސްއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވަމުންގެންދަވާ ވަރުގަދަ ޝަހުސިއްޔަތެއް މިޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖެހިގެންދިޔުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށެވެ.
ރަފީ ޖަމިއްޔާއިން މައުލޫމާތު ދެއްވާ ގޮތުގައި "ގްލޯބަލް ޔޫތް ޕީސް އެމްބެސެޑަރސް" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި ދުވަހުން ފެށިގެން މިހަރަކާތަށް ދަނީ ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިކަން ފާޅުކުރަމުންނެވެ. އެގޮތުން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ގްލޯބަލް ސްކޭލްއެއްގައި ޕީސްއަށްޓަކައި ޒުވާނުންނަށް ޙާއްސަކޮށްގެން ބޭއްވޭ މިއިވެންޓުން ޖުމްލަ 25 ޤައުމު ހިމެނޭގޮތަށް 150 ބައިވެރިން ތަމްރީނުވެގެންދާނެ ކަމުގައި ރަފީއިން މައުލޫމާތު ދެއްވައެވެ.
މިޕްރޮގްރާމުގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިޔަށްދާއިރު، މިހާރު ކުރިޔަށްދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވި، މިޙަރަކާތުގެ ޕާޓްނަރުންގެ ގޮތުގައި މިފަރާތްތަކާއި އެކު އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތެވެ. އެގޮތުން މިހާތަނަށް ބައިއަތު ހިފާފައިވާ ބައެއް ފަރާތްތަކުގެ ތެރޭގައި އިންސްޓިޓިއުޓް ފޯ އިކޮނޮމިކްސް އެންޑް ޕީސް، ވަން ވަރލްޑް، މޯލްޑިވްސް ޕޮލިސް ސަރވިސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ރާއްޖޭގައި ޙަރަކާތްތެރިވާ ބޭރުގެ އެމްބަސީތަކާއި ކޮންސިއުލޭޓްތައް ހިމެނެއެވެ. މީގެ އިތުރުންވެސް މިއިންޓްގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ ބައިވެރިވުން ފެނިގެންދާނެ ކަމުގައި ރަފީއިން ފާހަގަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ