ސުޖާއު އުސްމާނުގެ މައްސަލަ ބަލައިދޭން ޖޭއެސްސީއަށް

ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާނުގެ މައްސަލަ ބަލައިދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅައިފި އެވެ. ފަނޑިޔާރު ސުޖާއުގެ މައްސަލަ ބަލައިދޭން އެދިވަޑައިގެންނެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޖަލު ހުކުމެއް ބާތިލްކޮށް އެ މައްސަލަ އަނބުރާ ފޮނުވާލާފައިވަނީ ފަނޑިޔާރު ސުޖާއު އުސްމާނު ޗުއްޓީގައި ހުންނެވުމަށްފަހު ވަޑައިގެން ކަމަށް މީޑިއާގައި ވަނީ ރިޕޯޓްކޮށްފަ އެވެ. އަދި އަދީބުގެ ހުކުމް އިއްވުމަށްފަހު އަލުން ޗުއްޓީއަށް ވަޑައިގެންނެވި ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކުރި އެވެ.
މީކާއިލް އެދިވަޑައިގެންނެވީ އެކަން ބެލުމަށެވެ. މީކާއިލް ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެކަމުގައި ފަނޑިޔާރުގެ އެއްވެސް ސުލޫކީ މައްސަލައެއް އުޅޭނަމަ އެކަން ވީއެންމެ އަވަހަކަށް ބެއްލެވުން އެދޭ ކަމަށެވެ.
މީކާއިިލް މިއަދު ވަނީ އަދީބު، ރާއްޖެއިން ބޭރަށް ފުރުވާލަން ސަރުކާރުން ހުއްދަ ދީފައިވާތީ ކުއްލި މައްސަލައެއްގެ ގޮތުގައި އެކަން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވާފަ އެވެ.
ސުޖާއު އުސްމާނު، ހައިކޯޓުގެ އިސް ފަނޑިޔާރު ކަމާ ހަވާލުވެވަޑައިގެންނެވިފައިވަނީ އެ މަގާމުގައި ހުންނެވި ފަނޑިޔާރު އަބްދުﷲ ދީދީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަށް އައްޔަން ކުރެއްވުމުންނެވެ. ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތު ނެންގެވި ކަމަށް ބުނެ އޭނާގެ މައްސަލައެއް ވެސް ޖޭއެސްސީއަށް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
ސުޖާއު އުސްމާނަކީ ސިޔާސީ ބޮޑެތި މައްސަލަތައް ދަށުކޯޓްގަ އާއި ހައިކޯޓްގައި ވެސް ބައްލަވައި ހުކުމް ކުރައްވާފައިވާ ފަނޑިޔާރެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓްގެ ބެންޗްގައި ވެސް އޭނާ ހިމެނިވަޑައިގަންނަވަ އެވެ.
އޭނާ މީގެކުރިން ހައިކޯޓުގެ ދެކުނު ގޮފީގައި ވެސް ހުންނެވި އެވެ. ނަމަވެސް މާލެ ވަޑައިގެން ދަތުރު މަތީގައި ބަޔަކު ބިރު ދެއްކެވި ކަމަށް ވިދާޅުވެ، ފަހުން ދެކުނު ގޮއްޕަށް ވަޑައިނުގަންނަވަ އެވެ. އޭގެ ފަހުން އެ ގޮފީގެ މަސައްކަތްތައް ވެސް ހުއްޓުނެވެ. ސުޖާއު އުސްމާނަށް ބިރު ދެއްކި މައްސަލާގައި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް ކުރި އެވެ. ނަމަވެސް ސަރުކާރު ބަދަލުވި ފަހުން އެ ދައުވާ ވަނީ ބާތިލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ