ވެލި ބަރުކުރި ކޮޅުވެއްޓީގައި ކަސްޓަމްސްގެ ހުއްދަވެސް ނެތް

މާލޭ ސަރަހައްދުން ވެލި ބަރުކޮށްގެން ހުވަދު އަތޮޅު ތެރެއިން ދަތުރުކުރަމުންދިޔަ ބޭރުގެ ބޯޓަކީ އުޅަނދު ފަހަރު ގޮސް އައިސް އުޅުމާއި އުޅަނދަށް ތަކެތި އަރުވާ އުޅުމުގެ ހުއްދަ ނެތް އުޅަނދެއް ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ.
ކަސްޓަމްސްއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން އަންނަ އުޅަނދު ފަހަރު ކަސްޓަމްސްގެ ހުއްދަ ނެތި ބަނދަރުކުރުމާއި ގޮސްއައިސްވުމާއި އެ އުޅަނދު ފަހަރަށް ތަކެތި އަރުވާ ބޭލުމަކީ ކަސްޓަމްސްގެ ގާނޫނާއި ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ. އަދި އިއްޔެ ގަވައިދާ ހިލާފަށް ވެލި ބަރުކޮށްގެން ދަތުރުކުރި ކޮޅުވެއްޓިއަކީ ކަސްޓަމްސްގެ ހުއްދަތައް ނެތް އުޅަނދެއް ކަމަށްވެސް ކަސްޓަމްސްއިން ބުނެ އެވެ.
ރާއްޖެއަށް އައިސް ގޮސްހަދާ މިފަދަ އުޅަނދުތަކުގައި ހިންގާ ހރިހާ މުއާމަލާތެއްވެސް ހިންގަންޖެހޭނީ ކަސްޓަމްސްގެ ހުއްދަ ހޯދުމަށް ފަހުގައި ކަން ކަސްޓަމްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އަދި އިއްޔެ އަތުލައިގަތް އުޅަނދަކީ ސިނަމާލެ ބްރިޖުގެ ޕްރޮޖެކްޓްގައި ބޭނުންކުރުމަށް ޗައިނާގެ ސީސީސީސީ ކުންފުނީގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށާއި، ރާއްޖޭގައި ހިންގާ އިގްތިސާދީ ބޮޑެތި ޕްރޮޖެކްޓަތަކަށް ގެނެވޭ މިފަދަ އުޅަނދުފަހަރަކީ ކަސްޓަމްސްގެ ހުއްދަ ނެތި އެހެން މަސައްކަތްތަކަށް ބޭނުންކުރުން މަނާ ތަކެތިކަން ވެސް ކަސްޓަމްސްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ކަސްޓަމްސްއިން ބުނީ ރާއްޖެއިން ބޭރުގެ އުޅަނދެއް މާލެ ސަރަހައްދުން ވެލިބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރަމުންދާކަމުގެ މައުލޫމާތު ކަސްޓަމްސްއަށް ލިބުމާއެކު މިމައްސަލަ ކޯސްޓްގާޑް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ގަވައިދާ ހިލާފަށް މާލެ ސަރަހައްދުން ވެލި ބަރުކޮށްގެން ރާއްޖެއިން ބޭރަށް ގެންދަން އުޅޭ ކަމުގެ ހަބަރު ފުލުހުންގެ އިދާރާއަށް ލިބުމާ ގުޅިގެން ފުލުހުންގެ އިދާރާއިން އިއްޔެ ވަނީ މި ބޯޓު ބަލާ ފާސްކޮށްފަ އެވެ.
ފުލުހުންގެ އިދާރާއިން ބުނީ ލ. ހިތަދޫ ކައިރިން ވެލިބަރުކޮށްގެންދާ ބޯޓެއް ފެނިގެން ރިޕޯޓުކޮށްފައިވާތީ ފުލުހުންނާއި ސިފައިން ގުޅިގެން އިއްޔެ ހަވީރު 5:00 ޖަހާއެހާއިރު އެބޯޓަށް އަރާފައިވާ ކަމަށެވެ. އަދި ބޯޓުގައި ރަޖިސްޓްރީ ނަމްބަރެއް ނެތް ކަމަށާއި ކޮންތަނެއްގެ އުޅަނދެއްކަން ވެސް އެނގޭނެ ދިދައެއްވެސް ނެތް ކަމަށެވެ.
ފުލުހުން ބުނީ މި ބޯޓު ދަތުރުކުރަމުން ދިޔައީ ހުވަދު އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ވެހިކަލްތަކެއް ގެންދިޔުމަށް ކަމަށާއި، އެ ބޯޓު ހިތަދޫ ކައިރީގައި މަޑުކުރީ މޫސުން ގޯސްވެ ވިއްސާރަވެގެން ކަމަށެވެ. އަދި އެއުޅަނދަށް ވެލި ބަރުކޮށްފައިވަނީ މޫސުން ގޯސްވުމާއި އެ އުޅަނދުގައި ބަރު ވެހިކަލްތަކެއް ހުރުމުން ބެލެންސްކުރުމަށް ކަމަށް އޭގައި ތިބި ފަޅުވެރިން ބުނެފައިވާ ކަމަށާއި އެހެންނަމަވެސް ވެލި ނަގާފައިވަނީ ސަރުކާރުގެ ކަމާ ގުޅޭ އެއްވެސް އިދާރާއެއްގެ ހުއްދަ ނެތި ކަމަށްވެސް ފުލުހުން ބުނެފައިވެެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ