ފަރަންސޭސިވިލާތުގެ ލިއޯންގައި ބޮމެއް ގޮވައި އެތައްބަޔަކު ޒަޚަމްވެއްޖެ

ފަރަންސޭސިވިލާތުގެ މެދުތެރޭ ރަށެއް ކަމަށްވާ ލިއޯންގައި ބޮމެއް ގޮވައި އެތައްބަޔަކު ޒަޚަމްވެއްޖެއެވެ.
ބޮން ގޮވާފައިވަނީ ފަރަންސޭސި ގަޑިން މިއަދު ހަވީރު 5:30 ގައެވެ.
ގޮއްވާލާފައިވަނީ ސޫޓްކޭހަކަށް ލާފައިވާ ބޮމެކެވެ.
ލިއޯންގެ މަޝްހޫރު ބޭކަރީ ޗެއިންއެއްގެ ފިހާރައެއްގެ ކުރިމަތީގައި މީހަކު ސޫޓްކޭސް ބަހައްޓާ މަންޒަރު ސީސީޓީވީއަށް އަރާފައި ވެއެވެ. ބޮން ގޮވާފައިވަނީ އޭގެ ކުޑަ އިރުކޮޅެއް ފަހުން ކަމަށް، ފުލުހުންނާއި، ލިއޯންގެ މޭޔަރ ޑެނިސް ބްރޮލިކީ ވިދާޅުވެފައި ވެއެވެ.
މި ހާދިސާގައި މަދުވެގެން 13 މީހުން ޒަޚަމްވެފައިވާ ކަމަށާއި، އެ މީހުންނަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ. ގިނަމީހުންނަށް ލިބިފައިވަނީ ފަޔަށް އަނިޔާވުންފަދަ ކުދިކުދި އަނިޔާތައް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ބޭކަރީ ކުރިމަތީގައި ސޫޓްކޭސް ބެހެއްޓި މީހާ ހޯދުމުގެ މަސައްކަތް ލިއޯންގެ ފުލުހުން މިހާރު ފަށާފައިވާއިރު، ސީސީޓީވީން ފެންނަގޮތުގައި އެމީހާ ހުންނަނީ މޫނުން ބައެއް ނިވާކޮށްގެންނެވެ. ހުރީ ސޯޓެއްލައި އަވިއައިނު އަޅައިގެންނެވެ. އޭނާ ދަތުރުކޮށްފައިވަނީ ބައިސްކަލެއްގައެވެ.
ސީސީޓީވީ ފުޓޭޖް ދިރާސާކުރުމަށްފަހު ފުލުހުން ބުނެފައިވަނީ، ބޮން ހަރުކޮށްފައިވާ ސޫޓްކޭސް ބޭކަރީ ކުރިމަތީގައި ބެހެއްޓީ ޔޫރަޕްގެ ނުވަތަ އުތުރު އެފްރިކާއަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ.
މިހާދިސާ ފަރަންސޭސި ރައީސް އިމެނުއެލް މެކޯން ސިފަކުރައްވީ ގަސްތުގައިދެވުނު ހަމަލާއެއްގެ ގޮތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ