ހައިވޭގައި އެކްސިޑެންޓުވެ ކާރެއް ފުނޑުފުނޑުވެއްޖެ

ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑެއްގައި ދުއްވާފައިދިޔަ ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް އެކްސިޑެންޓުވެ، ފުނޑުފުނޑުވެއްޖެ އެވެ.
ފުލުހުން ބުނީ، ރޭ މެންދަމު 3:05 ގައި އެކްސިޑެންޓު ހިނގިއިރު ކާރުގައި 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނަކު އިން ކަމަށެވެ. އަދި ކާރު ދުއްވަން އިނީ 24 އަހަރުގެ މީހެއްކަމަށާއި އޭނާގެ އަތުގައި ކާރު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، ދެ މީހުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބުން ނަމަވެސް ސީރިއަސް އަނިޔާއެއް ދެމީހުން ކުރެ އެކަކަށް ވެސް ނުލިބޭ ކަމަށެވެ.
އެކްސިޑެންޓުވެފައި ވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ޕްރައިވެޓް ކާރެއް ކޮންޓްރޯލު ނުވެގެން ގޮސް ހައިވޭގެ އިރުމަތީ ފަރާތަށެވެ. އަދި ކާރު ކޮންޓްރޯލު ނުވެގެން ގޮސް، ފެންސް ފަޅާލައި މަގުގައި ޖަހާފައި ހުރި ހޮޅިދަނޑިގައި ޖެހި، މޫދު ތޮށީގައި ޖެހުމުގެ ސަބަބުން ކާރު އޮތީ ފުނޑުފުނޑުވެފައެވެ.
ބްރިޖު ހައިވޭގައި މިފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގުން އިތުރުވެފައިވާއިރު އެކްސިޑެންޓުތަކުގައި ބައެއް މީހުންނަށް ސީރިއަސް އަނިޔާތައް ވެސް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ