ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ހުއްޓުވުމަކަށް ގެނައުމަށްޓަކައި މަސައްކަތްތަކެއް ކުރަން އެމްޑީޕީގައި އެދިވަޑައިގެންނަވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރަސްމީ ވެބްސައިޓްގައި ބުނެފައިވަނީ ސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުން ކުރަމުންގެންދާ އަނިޔާތައް އެމްނެސްޓީ އިންޓާނޭޝަނަލް ފަދަ ޖަމާއަތްތަކުން ވެސް ގާތުން ބަލަމުން ގެންދާ ކަމަށާއި މިސަރުކާރު ހުއްޓުވުމަކަށް ގެނައުމަށްޓަކައި ދުވަހެއް ކަނޑައެޅުމަށް އެމްޑީޕީގައި އެމަނިކުފާނު އެދިވަޑައިގެންނަވާނެ ކަމަށް ވިދާޅުވި ކަމަށެވެ.
އަމިއްލައަކަށް ހައްޔަރުވުމަށް ކަމަށް ބުނެ ރޭ އެމްޑީޕީއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ބަޔަކު ފުލުހުންގެ އިދާރާ ކައިރިއަށް ދިއުމުން، ފުލުހުންގެ އަމުރަށް އެ ސަރަހައްދު ދޫކޮށް ނުދިއުމުން ފުލުހުން ވަނީ އެއްވެ ތިބި މީހުންގެ ގަޔަށް ލޮނު ޖެހުމަށްފަހު ބައެއް މީހުން ހައްޔަރުކޮށްފަ އެވެ.
ރޭ ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި އަންހެނުން ހިމެނޭ ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ހަރަކާތްތަކެއް ހިންގަން އެ ޕާޓީގެ އަންހެނުންގެ ގޮފިން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިސަރުކާރަކީ ބާޣީ ސަރުކާރެއް ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު ހުއްޓުވުމަށް ގެނައުމަށްޓަކައި ގިނަ ކަންތައްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގައި ހިނގަމުންދާ ޑިމޮކްރަސީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމެރިކާގައި ވެސް ސާޅީސްހާސް މީހުން ޕެޓިޝަނެއްގައި ސޮއިކޮށްފައިވާ ކަމަށާއި އިންގިރޭސިވިލާތާއި ޖަރުމަނުން ވެސް މި އެއްވުންތަކުގައި ބައިވެރިވުމަށް ބޭނުންވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ނަޝީދު ވަނީ އެމްޑީޕީން ކުރިއަށްގެންދާ ޑިމޮކްރަސީގެ އެއްވުންތަކުގައި ބައިވެރިވުމަށް މުޅި ދުނިޔެއަށް ގޮވާލައްވާފަ އެވެ.
މި ސަރުކާރުން ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ މަގާމަށް ހަމަޖައްސަވާފައިވާ އަބްދުﷲ ރިޔާޒަކީ ޖަލުގައި މަރުވި އީވާން ނަސީމުގެ މަރުގެ މައްސަލަ ހިނގިއިރު އެކަންކަން ބަލައި ރާވާ ހިންގުމަށް ޖަލުގައި އިސްކޮށް ހުންނެވި ބޭފުޅެއް ކަމަށާއި ރިޔާޒަކީ މިފަދަ އަނިޔާތަކުގައި ޝާމިލްވާ ފަރާތެއް ކަމަށެވެ. އަދި ރިޔާޒަކީ ނާޖާއިޒް އެތައް ވިޔަފާރިއެއް ކުރައްވާ ބޭފުޅެއް ކަމަށާއި އަތޮޅުގައި ތެޔޮ ވިއްކުމާއި އޮޑި ދޯނި ފަހަރު ބަނުމުގެ ވިޔަފާރިތައް ކުރައްވާ ބޭފުޅެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ.
"ކުރިން ޖަލުތަކުގައި މީހުންނަށް ބޮޑެތި އަނިޔާކޮށްފައިވާ ފަރާތްތައް އެމަނިކުފާނަށް އެނގިވަޑައިގެންނެވި ނަމަވެސް، އެކަން ބައިނަލް އަގުވާމީ ކްރިމިނަލް ކޯޓަށް ހުށަނާޅާ މަޑުކުރެއްވީ ރާއްޖޭގައި އެފަދަ ބޮޑެތި ލާއިންސާނީ އަމަލުތައް ހިންގައިފައި ވުމަކީ ލަދުވެތި ކަމަކަށްވާތީ،" ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ.
ސަރުކާރު ހުއްޓުމަކަށް ގެންނާނަން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ