އެމްޑީޕީ އާއި ޑީއާރުޕީގެ ވާހަކަތައް ހަފުތާއަކު ދެ ދުވަހު ބާއްވަން ހަމަޖައްސައި، ދުވަސްތައް ކަނޑައަޅައިފި

ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހަލުއިކުރުމަށްޓަކައި އެމްޑީޕީ އާއި ޑީއާރުޕީއާ ދެމެދު މިދިޔަ ބުރާސްފަތި ދުވަހު ފެށި ވާހަކަތައް ހަފުތާ އަކު ދެ ދުވަހު ބާއްވަން ހަމަޖައްސައި، ވާހަކަތައް ބާއްވާނެ ދުވަހާއި ވަގުތުތައް ކަނޑައަޅައިފި އެވެ.
ގާނޫނު އަސާސީ އިސްލާހުކުރުން ހަލުއިކުރުމުގެ ވާހަކަތައް ފެށުމަށް ދައުވަތު ދިން، ޑީއާރުޕީގެ ތަރުޖަމާނު އިބްރާހިމް ޝާފިއު މިއަދު ވިދާޅުވީ އެ ޕާޓީ އާއި އެމްޑީޕީގެ ވާހަކަތައް ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހަކާއި ބުދަ ދުވަހެއްގެ ހަވީރު 4- 6 އަށް ބޭއްވުމަށް ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ހޯމަ އަކާއި ބުދަ ދުވަހެއްގައި ވާހަކަތައް ބާއްވަން ދެ ފަރާތުން އެއްބަސްވީ، ވާހަކަތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު އެމްޑީޕީ އާއި ޑީއާރުޕީން ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގަ އެވެ. އަދި ޝާފިއު ވިދާޅުވީ ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެމްޑީޕީ އާއި ޑީއާރުޕީގެ ބައްދަލުވުން މާދަމާ ހަވީރު 4- 6 އަށް ދަރުބާރުގޭގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"މާދަމާގެ ބައްދަލުވުން ވެސް ނިމިގެން ދެ ފަރާތުން ގުޅިފައިވާ ބަޔާނެއް ނެރޭނެ. މީޑިއާ އަށް ހާމަކުރާ ވާހަކަތައް ނެރޭނީ ގުޅިފައިވާ ބަޔާނުން،" ޝާފިއު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އިސްލާހުކުރުމުގެ މަސައްކަތް ހަލުއިކުރުމަށްޓަކައި އެމްޑީޕީ އާއި ޑީއާރުޕީގެ މެދުގައި ބާއްވާ ވާހަކަތައް ފެށުމުގެ ކުރިން، އެ ވާހަކަތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ގުޅިފައިވާ ބަޔާނެއް ނެރެފަ އެވެ. "ދޮރު ބަންދުކޮށްގެން" ބޭއްވި އެ ބައްދަލުވުމުގެ ކަންތައްތައް ކުރިއަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ދެ ޕާޓީން ބައިވެރިވި މެމްބަރުން ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީ އިސްލާހުކުރުން ހަލުއިކުރުމުގެ ވާހަކަތަކުގައި އެމްޑީޕީން ބައިވެރިވެ ވަޑައިގަންނަވަނީ އެ ޕާޓީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) އާއި ޕާޓީގެ ވަގުތީ ރައީސް އަދި ނާއިބު ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި ރައްޔިތުންގެ މަޖިލީހުގެ ކ. މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ތ. މެމްބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ނާއިބު ރައީސް ހަސަން އަފީފާއި ރައްޔިތުންގެ މަޖިލީހުގެ ސ. މެމްބަރު މުހައްމަދު އަސްލަމާއި ރައްޔިތުންގެ މަޖިލީހުގެ ލ. މެމްބަރު މޫސާ މަނިކު އަދި އެމްޑީޕީގެ ހިޔަނި ކެބިނެޓްގެ މެމްބަރު މުހައްމަދު އަސްލަމް ކަމަށެވެ. އެމްޑީޕީގެ ވަފުދުގައި އިސްކޮށް ހުންނަވަނީ ހަސަން އަފީފެވެ.
ޑީއާރުޕީގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހީމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އަބްދުﷲ ޔާމީނާއި ހެލްތު މިނިސްޓަރު އިލްޔާސް އިބްރާހީމާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދާއި ހޯމް މިނިސްޓަރު އަހުމަދު ތަސްމީން އަލީ އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަދި ޑީއާރުފީގެ ޕާލަމެންޓްރީ ގުރޫޕުގެ ޗެއާޕާސަން އަނީސާ އަހުމަދެވެ. މި ވަފުދުގެ އެންމެ އިސްކޮށް ހުންނަވަނީ އަނީސާ އަހުމަދެވެ.
ޑީއާރުޕީގެ ދައުވަތަށް ބާއްވާ ވާހަކަތައް ފެށުމަށް އެމްޑީޕީން ފުރަތަމަ ކަނޑައެޅީ މި މަހުގެ ފަހެކެވެ. ޑީއާރުޕީއާ މަޝްވަރާނުކޮށް އެމްޑީޕީން ތާރީހާއި ޕްރޮގްރާމް ކަނޑައެޅުމުން އެކަމާ ހިތްހަމަނުޖެހިގެން ޑީއާރުޕީން އެ ދުވަހުގެ ބައްދަލުވުމަކަށް ނުދެ އެވެ. އޭގެ ފަހުން ވާހަކަތައް ބާއްވާނެ ދުވަހާއި ވަގުތާއި ތަން ކަނޑައެޅީ ދެ ޕާޓީން މަޝްވަރާކުރުމަށް ފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ