މާއްދާ 27 ހިމާޔަތްކުރުމަށް އިދިކޮޅު ޕާޓީތަކުން މިރޭ އެއްވަނީ

ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ ހިމާޔަތްކުރުމަށް ކަމަށް ބުނެ އަޑުއުފުލުމަށް ސަރުކާރާ އިދިކޮޅު ޕާޓީތަކުން މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ޑީއާރްޕީގެ މީޑިއާ އޮފިޝަލް އަލީ ސޯލިހް ވިދާޅުވީ އިދިކޮޅު ސިޔާސީ ޕާޓީތަކުން މާއްދާ 27 ގެ ހިމާޔަތުގައި އަޑުއުފުލަނީ ސަރުކާރުން ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުމުގެ އިތުރުން ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން މީޑިއާ އަށް ބިރުދެއްކުން ހުއްޓުވުމަށް ކަމަށެވެ. މިރޭ 00: 8 ގައި ބާއްވާ އެއްވުމަކީ އިދިކޮޅު ޕާޓީތައް ގުޅިގެން އިންތިޒާމްކޮށްފައިވާ އެއްވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަނީ "މިނިވަންކަމާ އެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފްނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ހިޔާލުތައް ދުލާއި ގަލަމުން އަދި މި ނޫން ވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ" ކަމަށެވެ.
އަލީ ސޯލިހް ވިދާޅުވި ގޮތުގައި އެ އެއްވުން ކުރިއަށް ގެންދާނެ ގޮތެއް އަދި ނުނިންމަ އެވެ.
"އެއްވުމުގައި ދުލާއި ގަލަމުގެ މިނިވަންކަން ގާނޫނު އަސާސީން ކަށަވަރުކޮށްދީފައި އޮތް ކަން ސަރުކާރަށް ހަނދާންކޮށްދޭނެ،" އަލީ ސޯލިހް ވިދާޅުވި އެވެ.
ސަރުކާރާ މެދު ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކޭނެ ކަމަށާއި އެ ފަރާތްތައް ހައްޔަރުކުރުމަށް ގޮވާލައި "ތިހެނެއް ނުކިޔޭނެ" ކެމްޕޭނެއް އެމްޑީޕީން ވަނީ ފަށައިފަ އެވެ. އެ ކެމްޕޭންގެ ދަށުން ކޮންމެ ރެއަކު އެ ޕާޓީގެ ހަރުގޭގައި ޖަލްސާ ބާއްވަމުން ގެންދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ